މިއަދު ހެނދުނު 94 ވަނަ އޮސްކާ އިނާމު ދިނުމުގެ ހަފްލާ ނިމިގެން ދިޔަ އިރު ހަފްލާއަށް ފަހު 'ޓްރެންޑް' ވާނެ ނަމަކަށް ވިލް ސްމިތް ވާނެ ކަން ޔަގީނެވެ.

މި ހަފްލާގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ 'އެންމެ މޮޅު އެކްޓަރު'ގެ އޮސްކާ ފުރަތަމަ ފަހަރަށް ވިލް ސްމިތްއަށް ލިބިގެން ދިޔަ އިރު މިއަދު މީހުން އޭނާގެ ނަން 'ސާޗް' ކުރަމުންދަނީ އެކަމަކަށް ނޫނެވެ.

ވިލް ސްމިތް ކްރިސް ރޮކް ކޯމަތީގައި ޖަހާ މަންޒަރު/ ފޮޓޯ: ޓުވިޓާ

އެއީ އޭނގެ ކުޑަ އިރުކޮޅެއް ކުރިން ޝޯ ހުށަހަޅަމުން ދިޔަ ކްރިސް ރޮކްގެ ކޯ މަތީގައި ވިލް ސްމިތް ޖެހި މަންޒަރު ބެލުމަށެވެ. މީ ހަގީގީ މަންޒަރެއް ކަމެއް ނުވަތަ ދެ އެކްޓަރުން ކުރީ ބައިގައި ރާވައިގެން ކުރި ކަމެއް ކަމަށް އަދި ސާފު ނުވާ އިރު ސްޓޭޖަށް އަރާ ކްރިސް ގައިގައި ޖެހުމަށް ފަހު ވިލް ވަނީ އަލުން ގޮނޑީގައި އިށީނދެ އޭނާގެ އަންހެނުންނާއި ނުބެހުމަށް ބުނެ ކްރިސްއާ ދިމާލަށް ހަޅޭއްލަވާ ވެސް ގަނެފައެވެ.

ކްރިސް އަށް ލިބިފައި ހުރި ޝޮކުން ކުޑަ ހިނދުކޮޅަކަށް ވާހަކަ ދައްކަން ވެސް ހަނދާން ނެތިފައި ހުރި އިރު އޭނގެ ކުޑަ އިރުކޮޅެއް ކުރިން އޭނާ ވަނީ ވިލް ސްމިތްގެ އަންހެނުން ޖޭޑާ ޕިންކިޓް ސްމިޓްގެ 'ފިރިހެން' ހެޔާ ކަޓަށް މަލާމަތްކޮށްފައެވެ.

އޮސްކާ ހަފްލާގައި މިއަހަރުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވިލް ސްމިތްއަށް ލިބުމުން ސްޓޭޖް މައްޗަށް އަރާ ދެއްކި ވާހަކައިގައި އޭނާ ވަނީ އޮސްކާ އިންތިޒާމުކުރާ އެކަޑަމީއާއި އޭނާއާއެކު ނޮމިނޭޓްވި އެހެން އެކްޓަރުންގެ ކިބައިން މާފަށް އެދިފައެވެ. ރޮމުން ރޮމުން ވިލް ސްމިޓް ދިން މި ސްޕީޗްގައި ކްރިސް ރޮކްގެ ކިބައިން މާފަށް އެދިފައެއް ނުވެއެވެ.

ރޭގެ އޮސްކާ އެވޯޑް ހަފްލާގައި އެންމެ މޮޅު އެކްޓްރަސްގެ އެވޯޑް ހާސިލް ކުރީ 'ދަ އައިސް އޮފް ޓެމީ ފަޔޭ' އިން މޮޅު ހުނަރެއް ދެއްކި ޖެސިކާ ޗަސްޓެއިންއެވެ.

މިއަހަރުގެ އެންމެ މޮޅު ފިލްމަކަށް ހޮވުނީ އެޕަލް ޓީވީގެ އުފެއްދުމެއް ކަމަށްވާ 'ކޯޑާ' އަށެވެ.