މި ފެށޭ ރަމަޟާން މަހާ ދިމާކޮށް ސިޓީ ކައުންސިލުން މިއަދު މާލޭގައި ބާއްވަން ހަމަޖެއްސި "ސިޓީ ނައިޓް މާކެޓް" ކެންސަލް ކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުން މި ނައިޓް މާކެޓް ބާއްވަން ނިންމާފައި ވަނީ ރަމަޟާން މަހާ ގުޅިގެން އާންމުންނަށް ހެޔޮ އަގުގައި ރޯދައަށް ބޭނުންވާ ސާމާނު ހޯދައިދިނުމުގެ ގޮތުންނާއި، ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުންނެވެ.

އެގޮތުން، މި ނައިޓް މާކެޓްގެ ކޯ އޯގަނައިޒަރަކަށް ވުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވިފައި ވަނީ މައި ފިއުޗާ ޕްރައިވެޓް ލިމިޓެޑެވެ. އެއާއެކު ކައުންސިލުން ނިންމާފައި އޮތީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އެ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގެ ގޯތި ތެރޭގައި މޭޒު ވިއްކުމަށެވެ.

ނަމަވެސް، ސިޓީ ކައުންސިލުން މިއަދު ބުނެފައިވާ ގޮތުން، ރޯދައަށް ހާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓް ވަގުތު ނެތުމުގެ ސަބަބުން ކެންސަލް ކުރަން ނިންމީއެވެ.

ކައުންސިލުން ވަނީ އާ އަހަރާ ދިމާކޮށް މިދިޔަ ޖެނުއަރީ މަހު ނައިޓް މާކެޓެއް ބާއްވާފައެވެ. ރަސްފަންނު ސަރަހައްދުގައި ބޭއްވި އެ ނައިޓް މާކެޓަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.