އިންޑިއާއިން ރާއްޖެއަށް ވަމުން ގެންދާ އެހީތަކަކީ ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ވާ އެހީތަކެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުއްވައިދެއްމަށް މިއަދު ހެނދުނު އައްޑޫ ސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ތަރައްގީކޮށްގެން މިއަދު ހުޅުވި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވެގެންދާނެ ކަމަށެވެ.

މިފަދަ ދީލަތި ބޮޑު އެހީއެއް ވި ކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިޔާ ސަރުކާރަށާއި އިންޑިޔާގެ ރައްޔިތުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ރައީސް ސޯލިހު ވިދާޅުވެ، އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަޑައިގެން ދެއްވިކަމީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ބަދަހިގުޅުން އިތުރަށް ހާމަވެގެންދާ ކަމެއް ކަމަށެވެ.

ރައީސް ވަނީ އައިޖީއެމްއެޗާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް އާއި 34 ރަށެއްހެ ފެނާއި ނަރުދަމާއާއި ތިލަމާލެ ބްރިޖާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ މަގުތައް ހެދުމާއި ބިން ހިއްކުމާއި ކޯސްޓް ގާޑު ބިލްޑިން ފަދަ މަޝްރޫއުތަކަކީ އިންޑިއާގެ ހިލޭ އެހީއާއި ލޯން އެހީގެ ދަށުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ކަމުގައި ފާހަގަ ކުރައްވާފައެވެ.

އިންޑިއާއިން ދިވެހިންނަށް ވަމުންދާ އެހީތަކަކީ އެއިރަކު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ބެލުމެއް ނެތި، ރާއްޖޭގެ ތަރައްގީއާއި ދިވެހިންގެ ކުރިއެރުމަށްޓަކައި ވަމުންދާ އެހީތަކެއް ކަމުގައި ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދު ހުޅުވި ޕޮލިސް އެކެޑަމީ ހެދުމުގެ މަޝްވަރާތައް ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދުގައި ފުރަތަމަ ފެށީ 2009 ވަނަ އަހަރުކަމަށާއި އެ މަޝްރޫއު ހިންގަން ނިންމާފައި ވަނީ 2014 ވަނަ އަހަރު އޮތް ސަރުކާރުން ކަމުގައި ވިދާޅުވެ ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ޕްލޭނިން މަސައްކަތް ނިންމުމަށް ފަހު އަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރު ޖުލައި މަހުގައިކަމަށެވެ.

ރައީސް އިތުރަށް ވަނީ އެ މަޝްރޫއު ހަގީގަތަކަށް ހެދުމުގައި ކުރީ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތައް އަލިއަޅުއްވާލައްވައި ރާއްޖޭގައި އޭރު ވެރިކަމުގައި ތިއްބެވި ރައީސުންނަށް ޝުކުރު ދަންނަވާފައެވެ.