ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންގައި ކުރަމުން ދާ ވަރުގަދަ ހަނގުރާމައާ ގުޅިގެން، މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގު އުފުލެމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.

1443 ވަނަ އަހަރުގެ ބަރަކާތްތެރި ރޯދަ މަހަށް، ހަފުތާއެއްހާ ދުވަހަށް ވެފައި ވާ އިރު، މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ކާބޯތަކެތީގެ މަސްރަހު ވަނީ ނުތަނަވަސް ވެފައެވެ. ހަމަ މި ދަނޑިވަޅުގައި، ހަކަތައިގެ ސިނާއަތުގެ އުފެއްދުންތަކުގެ އަގުތައްވެސް އުފުލެމުން ދާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗޭނަށް އިންތިހާއަށް ބުރޫ އަރަމުން ދާއިރު، މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގައި ޒަރޫރީ ކާބޯތަކެތީގެ އަގު އުފުލިފައެވެ. ތެލާއި ހަކުރު އަދި ފުށުގެ އަގުތައް އުފުލިފައި ވާ އިރު، ރޯދަ މަހު އެންމެ އާންމު ކޮށް ބޭނުން ކުރާ، އަދި މެދުއިރުމައްޗަށް އިންތިހާއަށް ތިޔާގި، ކަދުރުގެ އަގުވެސް ވަނީ އުފުލިފައެވެ. ހަމަ މިއާއެކު ގޮދަނާއި ގޭހުގެ އަގުތައްވެސް އުފުލިފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

މިސްރުގެ ބާޒާރެއްގައި މީހަކު ޕާން ގަންނަނީ / ފޮޓޯ: އެންވައިޓީ

ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ގޭބިސީތަކަށް ތަކުލީފު ކުރިމަތިވެ، "އަރަބި ބަހާރު"ގެ ދުވަސްވަރު ފަދައިން ސަރުކާރުތަކަށްވެސް ޕްރެޝަރު ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން، މެދުއިރުމަތީގެ ގައުމުތަކަށް އައި ސިޔާސީ ހަލަބޮލި ކަމުގެ ހަގީގީ އަސްލަކަށް ވީ ސަބަބުތަކުގެ ތެރޭގައި، ކާބޯތަކެތީގެ އަގު އުފުލިގެން ދިއުން ހިމެނެއެވެ.

ބައެއް ގައުމުތަކުގެ ވަކިވަކި ހާލަތަށް ބަލާއިރު، ހަނަފަސްކަމުގެ ސަބަބުން މޮރޮކޯޣެ އިގުތިސޯދު ދަނީ ހީނަރު ވަމުންނެވެ. ހަނގުރާމަ ފެށުމުގެ ކުރިންވެސް ގޮދަނުގެ އިމްޕޯޓަށް ފައިސާ ދެއްކުން ވެފައި އޮތީ، ދަރަނިވެރިވެފައިވާ ތޫނިސްގެ ސަރުކާރަށް ކުރިމަތިލާން ޖެހުނު ތަކުލީފަކަށެވެ. އިގުތިސޯދީ އަނދަވަޅެއްގެ ތެރޭގައި ލުބްނާން ފިތެމުން ދާއިރު، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައި ވާ ސޫރިއާގެ ހާލަތުވެސް އިންތިހާއަށް ދެރައެވެ. ސޫރިއާގައި އިންތިހާ ފަގީރުކަން ފެތުރެމުން ދަނީ އިންތިހާ ހަލުވި ދުވެލީގައެވެ. މިދިޔަ ރޯދަ މަހާ އަޅާ ބަލާއިރު ސޫރިއާގެ ބާޒާރުތަކުގައި ސައިފަތާއި ކަދުރުގެ އަގުތައް ވަނީ 2 ގުނަ ނުވަތަ 3 ގުނަ އުފުލިފައެވެ.

މަސްރަހު އެންމެ ހަލަބޮލިކޮށް ފެންނަ އެއް ގައުމަކީ މިސްރެވެ. ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުން ނުރުހުން ފާޅު ކުރަމުން ދާ މަންޒަރު މިހާރުވެސް ފެނެއެވެ. ބަނޑުހައިވެފައި ތިބި މީހުންގެ އިންގިލާބެއްކަން ދޭހަވާ ފަދަ މޭރުމަކުން، ރައްޔިތުންގެ އިހުސާސްތައް ބަންޑުން ކުރާ މަންޒަރުތައް، ސޯޝަލް މީޑިއަގައި ވަނީ ވައިރަލްވެފައެވެ.

ކާބޯތަކެތީގެ އަގު އުފުލެމުން ދިއުމުގެ ސަބަބުން ލުބްނާންގައި ހޫނުވި މުޒާޙަރާއެއްގެ ތެރެއިން / ފައިލް ފޮޓޯ: އެންވައިޓީ

މީގެ ކުރީ އަހަރުތަކުގެ ރޯދަމަސްތަކާ އަޅާ ބަލާއިރު، މި އަހަރުގެ ރޯދަ މަހަށް އުފާވެރި އިހްސާސްތަކެއް ނުކުރެވޭ ކަމަށް މިސްރުގެ ރައްޔިތަކު ވަނީ ފާހަގަ ކޮށްފައެވެ.

ޔޫކްރައިންގައި ރަޝިއާއިން ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ނުސީދާ ގޮތުން އެންމެ ބޮޑު އަސަރެއް ކުރާނީ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ސަރަހައްދުގެ ގައުމުތަކަށް ކަން، ދާއިރާގެ ތަޖުރިބާކާރުން މީގެ ކުރިން ވަނި އިޝާރާތް ކުރައްވާފައެވެ.