ޝަރުއީ ދާއިރާ އިސްލާހުކޮށް، އާންމުންގެ އިތުބާރު ހިފޭ ތަނަކަށް ފަނޑިޔާރުގެތައް ހެދުމަށް މަސައްކަތް ކުރެވުނު ކަމަށާއި، ފަނޑިޔާރުންނާއި ފަނޑިޔާރުގެތަކާ މެދު އާންމުން ދެކޭގޮތަށް ބަދަލު ގެނެވިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދްނާނު ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވާ "ގަޟާއީ އަހަރު 2022" އިފްތިތާހު ކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިނިވަން ޖުޑީޝަރީއެއް ގާއިމް ނުކުރެވޭނަމަ، އެ ތަނެއްގައި އިންސާފް ގާއިމް ކުރެވިފައެއް ނޯންނާނެ ކަމަށާއި، އަދުލު އިންސާފް ގާއިމްކުރުމަކީ ކޯޓުތަކުގެ ފަނޑިޔާރުންގެ އެންމެ ބޮޑު އެއް ޒިންމާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި މިނިވަން ކަމާއެކު ފަނޑިޔާރުންނަށް މަސައްކަތްކުރެވޭނެ މަގުފަހިކޮށްދެނީ އެކި ފަރާތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި އިންސާފު ގާއިމްކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެކި މައްސަލަތަކުގައި އިންސާފު ގާއިމްކޮށްދޭއިރު، އަދުލު އިންސާފު ކަށަވަރުކޮށްދިނުމަކީ ފަނޑިޔާރުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ފަނޑިޔާރުންނަށް މިނިވަންކަން ދެވެނީ ފަނޑިޔާރުންގެ އަމިއްލަ ބޭނުމަކަށް ނޫން. މިނިވަންކަން އޮންނަންޖެހޭ ސަބަބަކީ ފަނޑިޔާރުންނަކީ އެކިއެކި ފަރާތްތަކުގެ މެދުގައި އުފެދޭ ހުސޫނަތްތަކުގައި ގޮތް ކަނޑައަޅާ ފަރާތްކަމުގައި ވުމުން. ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ ގާނޫނުގެ ވެރިކަން ނެގެހެއްޓުން." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ހަމަ އެއާއެކު، ފަނޑިޔާރުން ޒިންމާ އަދާކުރުމުގައި ނަޒާހާތްތެރިކަމާއެކު މަސައްކަތުގައި ދެމި ތިބުމާއި، އަމިއްލަ މަސްލަހަތު ހިމެނޭފަދަ މައްސަލައެއްގައި ބައިވެރިނުވެ، ފަނޑިޔާރު ކަމިގެ ޒިންމާ އަދާކުރުމުގައި ތެދުވެރިކަމާއެކު މަސައްކަތްކުރުމާއި، އެހެން ފަރާތްތަކުން ފަނޑިޔާރުންގެ ތެދުވެރިކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ނުދިނުމުގެ މުހިންމުކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އުއްތަމަ ފަނޑިޔާރު ވަނީ ޝަރުއީ ދާއިރާ އިސްލާހުކޮށް، ފަނޑިޔާރުންނާއި ފަނޑިޔާރުގެތަކާ މެދު އާންމުން ދެކޭގޮތް ބަދަލު ކުރެވިފައިވާ ކަމަށާއި، ޝަރުއީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގިނަ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ.

ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ބާއްވާ ގަޟާއީ އަހަރު އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ގަޟާއީ އަހަރު އިފްތިތާހުކޮށްދިނުމުގެ ރަސްމިއްޔާތު ބޭއްވުމުގެ މަގްސަދަކީ ފާއިތުވި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތައް ހާސިލްވި މިންވަރު ދެނެގަނެ، ދެން އޮތް އަހަރަށް ލަނޑުދަނޑި ކަނއެޅުމެވެ.

ރޭ ބޭއްވި ގަޟާއީ އަަހަރުގައި ޝަރުއީ ދާއިރާ އޮޓޮމޭޓްކުރުމުގެ ގޮތުން ތިން އެޕްލިކޭޝަނެއް އިފްތިތާހުކޮށްފައިވާއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އާ ވެބްސައިޓް އިފްތިތާހު ކުރުމާއި، މިދިޔަ އަހަރު ޝަރުއީ ދާއިރާގެ މަސައްކަތްތައް ހުރި ނެތްގޮތާއި މިއަހަރުގެ ލަނޑުދަނޑިތައް ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ.