ބޮލަކަށް 10،000ރ ގެ ފީއަކާ އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ، ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ބާ އިމްތިހާނު އަންނަ މޭ ޖޫންގައި ބާއްވާ ގޮތަށް ބާ ކައުންސިލުން ހަމަޖައްސައިފިއެވެ.

ގާނޫނީ ވަކީލުންނަށް މިއަދު ފޮނުއްވި ލިޔުމެއްގައި ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވީ، ބާ އިމްތިހާނުގެ އަގު ކަނޑައަޅާފައިވަނީ އިމްތިހާނު ތައްޔާރު ކުރުމަށް ދިޔަ އަގާއި، އެހެނިހެން ގައުމުތަކުގައި އަމަލުކުރާ ގޮތަށް ބެލުމަށް ފަހުގައި ކަމަށެވެ. އެގޮތުން އިމްތިހާނުގައި ބައިވެރިވާނެ ކަމަށް ލަފާކުރެވޭ އަދަދަށް ބަލާއިރު 20،000ރ ޖެހުނު ނަމަވެސް، މިއީ ބާ އިމްތިހާނު ހަދާ ފުރަތަމަ ފަހަރު ކަމުން އެ އަދަދުން 50 ޕަސެންޓު ދަށްކުރަން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަ ދެއްކި ވަކީލަކު ބުނީ، ބާ އިމްތިހާނަށް ދައްކަންޖެހޭ ފީ އާ ގުޅިގެން ބައެއް ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި، މިއީ މިފަދަ އިމްތިހާނެއް ހަދާ ފުރަތަމަ ފަހަރު ކަމުގައިވީ ނަމަވެސް، 10،000ރ ދެއްކުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންވެ، ބާ އިމްތިހާނުގައި ބައިވެރިވުމަށް އެދި ދައްކަން ޖެހޭ ފީ ކުޑަކޮށްދިނުމަށް ބައެއް ދަރިވަރުން އެދެމުންދާ ކަމަށާއި، ފީ ކުޑަކޮށްދެވެން ނެތް ނަމަ، އިންސްޓޯލްމެންޓް އުސޫލުން ފީ ދެއްކޭނެ ގޮތެއް ހަމަޖައްސައިދިނުމަށްވެސް ބައެއް ދަރިވަރުން އެދިފައިވާ ކަމަށް އޭނާ ބުންޏެވެ. އެކަމަށް ބާ ކައުންސިލުން ހައްލެއް ހޯދައިދޭނެ ކަމަށް އޭނާ އުންމީދު ކުރެއެވެ.

ބާ އިމްތިހާނުގެ ފީ އާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، "އެސްޕަޔަރިން ލޯޔާސް ފޯރަމް"ގައި ވަކީލަކު ކޮށްފައިވާ ޕޯސްޓަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ، ބާ އިމްތިހާނާ ގުޅިގެން ދަރިވަރުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ދިމާވާ ދަތިތައް ހިއްސާކުރުމަށްޓަކައި، އިމްތިހާނުގައި ބައިވެރިވާ ވަކީލުންނާއި ބާ ކައުންސިލްގެ އިސް ބޭފުޅުން އޮންލައިންކޮށް ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެ ފޯރަމްގައިވެސް އިމްތިހާނުގެ ބައިވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މައުމޫން އެދިވަޑައިގެންފައިވެއެވެ.

ވަކީލުކަމުގެ ހުއްދަ ހޯދަން ބާ އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖައްސާފައިވަނީ 2019 ގައެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން އިމްތިހާން ނުބޭއްވުމުގެ ސަބަބުން 283 ވަކީލުންނަށް ވަގުތީ ލައިސަންސެއް ދޫކޮށްފައިވެއެވެ.

ބާ އިމްތިހާނުގައި މައިގަނޑު ހަ ބައެއް އޮވެއެވެ. އެއީ ޓޯޓް ލޯ، ކްރިމިނަލް ޕްރޮސީޖާ، ކޮންސްޓިޓިއުޝަނަލް ލޯ، ކޮންޓްރެކްޓް ލޯ، ލޭންޑް ލޯ، އަދި މޯލްޑިވިއަން ލީގަލް ސިސްޓަމެވެ.