1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި މާލޭގައި ބާއްވަން ހަމަޖައްސާފައިވާ ޕަބްލިކް ހިއަރިން ބާއްވާ ތާރީހް ފަސްކޮށްފިއެވެ.

އޮމްބަޑްސްޕާސަންސްގެ އޮފީހުން ބުނީ، ތިނަދޫން މީހުން ބޭލި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ނިންމާފައި، މާލޭގައި ބާއްވާ ޕަބްލިކް ހިޔަރިން ބާއްވާ ދުވަސް ފަސްކުރީ، އެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ބަޔާން ދޭނެ މީހުން ނެތުމުން ކަމަށެވެ. އަދި އެ އަޑުއެހުން ފަސްކުރި ތާޜީހަކާއި އެ އަޑުއެހުން ބާއްވާނެ ތަނެއް ފަހުން އަންގާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

މީގެ ކުރިން ތިނަދޫ މައްސަލައިގައި މާލޭގައި ބާއްވާ އަޑުއެހުން ބާއްވަން ނިންމާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ އަޑުއެހުންތަކެއް ވަނީ މި މަހުގެ 19 އިން 22 އަށް ގދ. ތިނަދޫގައި ކުރިއަށް ގެންގޮސްފައެވެ. ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި ކުރިއަށް ދިޔަ އެ އަޑުއެހުންތަކުގައި ތިނަދޫގެ ބައެއް ދުވަސްވީ މީހުން ވަނީ އެމީހުން ރަށުން ބޭލުމަށް ސިފައިން ކަން ކުރި ގޮތާއި އެ ހާދިސާގެ ގިނަ ތަފްސީލުތަކެއް ކިޔައިދީފައެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން މި ފަތްފުއްތައް ހުޅުވާލައީޣޭން މި އުޅެނީ އިންތިގާލީ އިންސާފުގެ ގާނޫނުގައި އެކަމަށް ޖާގަ ދޭތީ، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދޭން ކަމަށް އެއޮފީހުން ބުނެއެވެ.