އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިތަދޫ އާރުއޭއެފް ސަރަަހައްދުގައި ގާއިމް ކުރި ޕޮލިސް އެކަޑަމީ ހުޅުއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މާދަމާ އައްޑުއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، 3 ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. މި ދަތުރުފުޅުގައި ރައީސް ސޯލިހް، 7 ރަށަކަށް ވަޑައިގަންނަވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްރަށަކީ:

  • ފުވައްމުލަކު ސިޓީ
  • ގަން
  • ހިތަދޫ
  • މަރަދޫ
  • މަރަދޫ-ފޭދޫ
  • ފޭދޫ
  • ހުޅުމީދޫ

މިދަތުރުފުޅުގައި ހިނގާނެ މުހިންމު ހަރަކާތްތައް ހާމަ ކުރަމުން ރައީސް އޮފީހުން ބުނީ، ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމާއި، ބިން އިތުރު ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އައްޑޫސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމާއި، މަރަދޫ ބަނދަރު ހުޅުވައިދިނުމާއި، މީދޫ ބަނދަރު ހުޅުވައިދިނުމާއި އަދި ހިތަދޫ މަސްޖިދް އިބްރާހީމް ހުޅުވައިދިނުމުގެ އިތުރުން ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ހުޅުވުން ހިމެނޭ ކަމަށެވެ.

ރައީސް ސޯލިހް ރަސްމީ ދަތުރުފުޅެއްގައި އައްޑޫ އަދި ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު، އެމަނިކުފާނު ގެންދަވަނީ ސަރުކާރުގެ މަޝްރޫއުތައް ނިންމުން ފާހަގަ ކުރުމަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ. އެ ގޮތުން އެމނަިކުފާނު އެންމެ ފަހުން ވަޑައިގެންފައި ވަނީ އެމަނިކުފާނު އުފަން އަތޮޅު ޅ. އަތޮޅުގެ 6 ރަށަކަށެވެ.