އަވަށްޓެރި ސްރީލަންކާގެ އުދަރެހުން އިރު ފާޅުވެގެން އަންނަ ކޮންމެ ދުވަހަކީ ދިރިހުރުމަށްޓަކާ އިސްތިރާޖުތަކެއް ރާވާލަން މަޖުބޫރު ކުރުވަނިވި ދުވަހަކަށް ވަނީ ވެފައެވެ. އާންމު ދިރިއުޅުމުގެ އެންމެ އާދައިގެ ކަންކަމަކީވެސް މިއަދު ގިނަ ބަޔަކަށް، އެމީހުންގެ އަމިއްލަ ބާރު ފޯރާ އިމުން ބޭރުވެފައި ވާ ކަންކަމަށް ވަނީ ވެފައެވެ.

ގޭތެރެގެ ކަންކަންވެސް ރާވަން މަޖުބޫރުވެފައި ވަނީ ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ގަޑިތަކަށް ބަހާލައިގެންނެވެ. ބައެއް ޒޯންތަކުން ކަރަންޓުގެ ހިދުމަތް ކަނޑާލާ ވަގުތު، 6 ގަޑިއިރަށް ވަނީ އިތުރު ކޮށްފައެވެ. ހަކަތަ ވިއްކާ ސްޓޭޝަންތަކުގެ ތެރެއިން އެންމެ ހަލުވިކޮށް ހިދުމަތް ލިބޭ ސްޓޭޝަންތައް ހޯދުމަށް ކޮންމެ މީހަކުވެސް ހުންނަން ޖެހެނީ ފާރަވެރިވެގެންނެވެ. ޒަރޫރީ މުދާ ވިއްކާ ފިހާރަތަކުން ހިދުމަތް ހޯދުމުގައިވެސް ހާލަކީ މިއީއެވެ.

ކާބޯތަކެއްޗާއި ޒަރޫރީ އުފެއްދުންތައް ގަތުމަށް ލަންކާގައި ދަމާލާފައި ވާ ސަފެއް / ފޮޓޯ: ގޫރާބް ޑިޒައިން

މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ބޮޑު ތަކުލީފަކަށް ވަނީ ހަކަތައިގެ ސަޕްލައި ނުލިބުމެވެ. ކަރަންޓުގެ ސަޕްލައި ކަށަވަރު ކުރުމަށްޓަކާ ގުރުބާން ކުރީ އެއްގަމު އުޅަނދުފަހަރަށް ބޭނުންވާ ތެލުގެ ސަޕްލައިއެވެ. ނަތީޖާއެއްގެ ގޮތުން، އެއްތަނުން އަނެއް ތަނަށް ދާން މަޖުބޫރުވެފައި ވާ މީހުންނަށް، ކެތްތެރިކަމާއެކު ސަފުގައި، އެތައް ގަޑިއިރަކު މަޑުކުރަން ޖެހުމަކީ އާންމު އުސޫލު ކަމުގައިވެއްޖެއެވެ. ސްޓޭޝަންތަކުގައި އަސްކަރިއްޔާއިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިއުގައި ހޭދަ ކުރަންޖެހޭ ގިނަ ވަގުތުތަކުގެ އިތުރުން އަތުން ކުރަން ޖެހޭ ހޭދައަކީވެސް ކުޑަ ހޭދައެއް ނޫނެވެ. ކެތްތެރިކަމާއެކު ކިތަންމެ އިރަކު ސަފުގައި ހުއްޓެއް ކަމަކު، އެންމެ ތެޔޮ ފޮދެއްވެސް ނުލިބި ހުސް އަތާ، އަނބުރާ ގެއަށް ދާން ޖެހެނީވެސް މަދު ބަޔަކަށް ނޫނެވެ.

ސްރީލަންކާގެ ސައިފަތް ސިނާއަތް އިނދަޖެހުމުގެ އަސަރު، 3 މިލިއަނެއްހާ މަސައްކަތްތެރިންނަށް ފޯރާނެ / ފޮޓޯ: ބްރޫސް ވިލިއަމްސް ފޮޓޯގްރަފީ

ސްރީލަންކާގެ ވެރިރަށް، ކޮޅުނބުގައި އޮޕަރޭޓް ކުރާ ކޮންމެ ސްޓޭޝަނަކަށް ބަލާލި ކަމުގައި ވީ ނަމަވެސް، ހަންބުރިތަކާ އެ ޒާތުގެ އެކި ކަހަލަ ކަންވާރު ހިފައިގެން ސަފުގައި ތިބޭ މީހުން ނެތް ސްޓޭޝަނެއް ނެތޭވެސް ދެންނެވިދާނެއެވެ. އެގޮތަށް ސަފުގައި އެތައް އިރަކު ހުންނަން ޖެހުމުގެ ސަބަބުން އާދަޔާ ހިލާފަށް ވަރުބަލިވެގެން މިހާތަނަށް 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި ތޫނު އެއްޗަކުން ހަމަލާދީ، 1 ވަނީ މަރާލާފައެވެ.

ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ހާއްސަ ހާލަތާ ގުޅިގެން، އެ ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ ހުރިހާ ޕާޓީއެއް ޝާމިލިވާ މަޝްވަރާތައް ފައްޓަވާފައެވެ. މައްސަލަތަކަށް ހައްލެއް ހޯއްދެވުމުގެ އުއްމީދުގައެވެ. ސްރީލަންކާގެ މައި އިދިކޮޅު ޕާޓީތަކުން މި މަޝްވަރާތައް ބޮއިކޮޓް ކުރި ކަމުގައި ވީ ނަމަވެސް، ކުރީގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ އެއްބާރުލުން ދެއްވާ ކަމަށް ހަބަރު ލިބެއެވެ.

ވިކްރަމަސިންހަ ވަނީ ސްރީލަންކާގެ އަދުގެ ހާލަތާ ބެހޭ ގޮތުން ޝުއޫރު ފާޅު ކުރައްވާފައެވެ. ޝުއޫރަކަށްވުރެ ބޮޑަށް ދިފާއާށް ކުޅުއްވީއެވެ. ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ކާރިސާއަކީ އެ ގައުމުގެ ކުރީގެ ސަރުކާރުގެ ސަބަބުން ވީ ކަމެއް ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވީއެވެ. އަދި މާލީ ވަޒީރު ބާސިލް ރާޖަޕަކްސައާވެސް ދެބަސްވުންތަކެއް އުފެދުނެވެ.

ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނީލް ވިކްރަމަ ސިންހަ/ ފައިލް ފޮޓޯ: ރޮއިޓާޒް

ވިކްރަމަސިންހަ ވިދާޅުވީ ލަންކާގެ މަސްރަހާ ބެހޭ ގޮތުން ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ހުށަހެޅި ރިޕޯޓް އާންމު ކުރުމަށް ތަކުރާރުކޮށް ހުށަހެޅި ހުށަހެޅުމަށް ލަންކާ ސަރުކާރުން ފުރަގަސްދީފައި ވާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މަޝްވަރާތައް ބޮއިކޮޓް ކުރުމުގެ ސަބަބަކީވެސް އެއީ ކަމަށް ވިކްރަމަސިންހަ ވަނީ ފާހަގަ ކުރައްވާފައެވެ.

ދިފާއުގައި ލަންކާގެ މާލީ ވަޒީރު ވިދާޅުވީ އައިއެމްއެފްގެ ފުރިހަމަ ރިޕޯޓް، ލަންކާ ސަރުކާރަށްވެސް ނުލިބޭ ކަމަށެވެ. ނަމަވެސް އެކަމަކަށްވެސް ވިކްރަމަސިންހަ ވަނީ ރައްދު ދެއްވާފައެވެ. އަދި އައިއެމްއެފްގެ ރިޕޯޓް، ލަންކާ ސަރުކާރާ ހަވާލުކޮށްފައި ވާނެ ކަން އޭނާއަށް އަންގަވާފައި ވާ ކަމަށް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ.

ބާސިލް ރާޖަޕަކްސަ ވިދާޅުވާ ގޮތުން ނަމަ، ލަންކާއަށް ލިބިފައި ވަނީ އައިއެމްއެފް ރިޕޯޓް ޑްރާފްޓެކެވެ. އަދި ފައިނަލް ރިޕޯޓެއް އަންނާނީ ސަރުކާރުގެ ކޮމެންޓްތައް އޭގައި ހިމަނާ ހިސާބުން ކަމަށާ، ފައިނަލް ރިޕޯޓެއް އާންމު ކުރާނީ އައިއެމްއެފްގެ ބޯޑުގެ އިޒުނަޔާ އެކުގައި ކަމަށް ވެސް ބާސިލް ރާޖަޕަކްސަ ވަނީ ފާހަގަކުރައްވާފައެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތިލާންޖެހިފައި ވާ ގޮންޖެހުންތަކަށް ހައްލު ހޯދާ ދިނުމަށް ޑިމާންޑްކޮށް، އެ ގައުމުގެ އިދިކޮޅު އިއްތިހާދުން އިއްޔެ ވަނީ ނުގޭގޮޑާގައި ވަރުގަދަ މުޒާހަރާއެއް ކުރަމުންނެވެ. އެ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ސްރީލަންކާއިން ކާބޯތަކެތި ހުސް ނުވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނޭ / ފޮޓޯ: ޓައުން ނިއުސް

ސްރީލަންކާގެ އާންމު ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށަށް ދާން ފެށުމުން އެ ގައުމުގެ ބައެއް ރައްޔިތުން ވަނީ ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ދާން ފަށާފައެވެ. ރެފިއުޖީންގެ ގުރޫޕުތަކެއް އިންޑިއާއަށް މިހާރު ވަނީ އެތެރެވެފައެވެ.

ރެފިއުޖީންގެ ގޮތުގައި ލަންކާ ރައްޔިތުން ގައުމު ދޫކޮށް، އަވަށްޓެރި ގައުމުތަށް ހިޖުރަ ކުރަން ފަށާފައި ވާއިރު އެފަދަ ހާލަތަކަށް ރާއްޖެ އޮތީ ތައްޔާރަށްތޯއާއި، ލަންކާ ރެފިއުޖީން ބަލައިގަތުމުގައި ރާއްޖޭގެ ވިސްނުން ހުރި ގޮތެއް ބެލުމަށް ދަ ޕްރެސްއިން ދިވެހި ފޮރިން މިނިސްޓްރީއާ ސުވާލު ކުރުމުން، އެކަމަށް ދޭނެ ކޮމެންޓެއް ނެތް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަން ވެރިވެގެން އުޅޭ އެއް ގައުމަށް ވާ އިރު، ލަންކާގެ ތިބި ދިވެހިންގެ ހާލަކީ ކޮބައިތޯއާއި ލަންކާގައި ތިބި ދިވެހިންނަނަށް އެއްވެސް ކަހަލަ އެހީއެއް ފޯރުކޮށްދެމުންދޭތޯ ދަ ޕްރެސްއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ދިވެހި ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ މިއުވާން މުޙައްމަދު ވިދާޅުވީ، އެއީ ލަންކާގެ ދާހިލީ ކަމެއް ކަމަށެވެ. އަދި އެއީ ލަންކާގެ ރައްޔިތުންވެސް އެ ތަކުލީފުތައް އުފުލަމުން އަންނަ ކަމެއް ކަމަށާ، އެހެންކަމުން، އެކަމުގައި ދިވެހި ހާރިޖިއްޔާއަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ.