ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ކަމެއް ފިޔަވާ އެހެން ހުރިހާ ކަމެއް، މާޗް 31 އިން ފަށައިގެން އުވާލުމަށް، އަވަށްޓެރި އިންޑިއާއިން ނިންމައިފިއެވެ.

ކޮވިޑް-19ގެ ކޭސްތައް ދަށަށް ދާ މި ދަނޑިވަޅުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލަން ނިންމި ނަމަވެސް، މާސްކު އެޅުމަށް އޮތް އުސޫލު އުވާ ނުލާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ މައި ސަރުކާރުގެ ދަހިލީ ވުޒާރާގެ ހޯމް ސެކްރެޓަރީ އަޖޭ ބައްލާ، އެ ގައުމުގެ އެހެން ސްޓޭޓްތަކުގެ ޗީފް ސެކްރެޓަރީންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ހާލަތު ރަނގަޅުވަމުން ދާ ދިއުމާއި ބަލިމަޑުކަމާ ކުރިމަތިލުމަށް އިންޑިއާގެ ސަރުކާރުން ތައްޔާރު ވެފައި ވާ މިންވަރަށް ރިއާޔަތް ކޮށް، ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކާ، ޑިޒާސްޓާ މެނޭޖްމަންޓް އެކްޓްގެ ދަށުން ފިޔަވަޅުތަކެއް ތަންފީޒު ކުރަން ޖެހޭ ކަމަށް ނުފެންނަ ކަމަށް، ޑިޒާސްޓާ މެނޭޖްމަންޓްއާ ބެހޭ އިދާރާއށް ނުފެންނަ ކަމަށެވެ.

އެހެން ކަމުން މިހާރު އެ ގައުމުގައި ތަންފީޒު ކުރަމުން އަންނަ އާންމު ސިއްހަތުގެ އަމުރުގެ މުހުލަތު ހަމަވުމުން، އެކަން އާ ނުކުރާނެ ކަމަށްވެސް ހޯމް ސެކްރެޓަރީގެ ސިޓީގައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން އިންޑިއާއިން އެޅި ހަރުކަށި ފިޔަވަޅުތައް އުވާލަން އެ ގައުމުން ނިންމާފައި މި ވަނީ ގާތްގަނޑަކަށް 2 އަހަރެއްހާ ދުވަހަށް ފަހުގައެވެ. ފާއިތުވީ 24 މަހެއްހާ ދުވަހުގެ ތެރޭގައި ބަލި ދެނެގަނެ، ސާވޭލަންސް ހިންގާ، ކޮންޓެކްޓް ޓްރޭސްކޮށް، ފަރުވާ ދީ، ވެކްސިން ޖަހުމުގެ އިތުރުން ހޮސްޕިޓަލުގެ އިމްރާނީ ވަސީލަތްތަކާއި އާންމުންގެ ހޭލުންގެ ތެރިކަމަށްވެސް އެދެވޭ ކުރިއެރުންތަކެއް ލިބިފައި ވާ ކަން އިންޑިއާގެ ހޯމް ސެކްރެޓަރީ ވަނީ ފާހަގަ ކުރައްވާފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލަން ނިންމި ނަމަވެސް، މާސްކު އެޅުމާއެކު އަތް ދޮވުމާއި އަތް ސާފު ކުރުމުގެ އާދަ ކުރިއަށް ގެންދިއުމަށް، އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު އަމުރެއްގައި ވަނީ ފާހަގަ ކޮށްފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ ނިސްބަތުން، 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް ކޭސްތައް ފެނިފައި ވަނީ އިންޑިއާއިންނެވެ. އިންޑިއާއިން މިހާތަނަށް 43 މިލިއަނަށް ވުރެ ގިނަ ކޭސް ފެނިފައި ވާއިރު، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 516703 އަށް އަރައެވެ.

ފާއިތުވީ 2 ހަފުތާއެއްހާ ދުވަހު އިންޑިއާގެ ކޭސްލޯޑް ހުރި ގޮތަށް ބަލާއިރު މިދިޔަ 7 ދުވަހުގެ ތެރޭގައި އެ ގައުމުން ރެކޯޑް ކޮށްފައި ވަނީ 13811 ކޮވިޑް ކޭހެވެ. އޭގެ ކުރީ ހަފުތާގައި 23055 ކޭސް ރެކޯޑް ކޮށްފައިވެއެވެ. އެހެން ކަމުން މިދިޔަ ހަފުތާގައި އެ ގައުމުން ރެކޯޑް ކުރި ކޮވިޑް ކޭހުގެ ނިސްބަތް، 40 ޕަސެންޓް ދަށަށް ގޮސްފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.