ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވީޓާ އެކައުންޓް މިއަދު ހެނދުނު ހެކްކުރީ އެމްޑީޕީގެ އިންތިހާބަށް ނުފޫޒު ފޯރުވާކަން ދައްކުވަން ކަމަށް އޭނާ ވިދާލުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާގެ މަގާމުގައި ހުންނެވި ޝަމްއޫން ޖަލީލް (ލޫކަސް) މިއަދު ކުރެއްވި ޓުވީޓެއްގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ރައްދު ދެއްވިއެވެ. އަދި ނުވެގެން އުޅެނީ ކޮންކަމެއްތޯ އާއި ވަޒީރުކަމުގައި ފައްޔާޒު ހުންނެވީ އެމްޑީޕީގެ ލީޑާޝިޕުން މަސައްކަތްތަކެއް ކޮށްގެން އިންތިހާބުތަކެއް ކާމިޔާބު ކުރުމުން ކަމަށް އޭނާ ވިދާޅުވެއެވެ.
އެކަމަށް ރައްދު ދެއްވާ، މިއަދު ހެނދުނު އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުގައި ވިދާޅުވެފައި ވަނީ އެމްޑީޕީ ވެރިކަމަށް އައީ ރައީސް ނަޝީދު އެކަނި ކުރެއްވި މަސައްކަތްޕުޅުން ނޫން ކަމަށެވެ.
އެކަމާ ގުޅިގެން އޭގެ ފަހުން އަލީ ޒާހިރު ވިދާޅުވީ، މިއަދު ހެނދުނު އޭނާގެ ޓްވިޓާ އެކައުންޓް "ކޮމްޕްރޮމައިޒް"ވި ކަމަށާއި، އަދި އެވަގުތުގައި ޓްވީޓްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ޓްވިޓާ އެކައުންޓް މިހާރު ރައްކާތެރި ކުރެވިފައި ވާކަމަށާއި، އެކައުންޓް ހެކުކުރި މައްސަލަ ފުލުހަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު އިތުރަށް ވިދާޅުވީ މިއީ އޭނާ އެމްޑީޕީގެ އިންތިހާބަށް ނުފޫޒު ފޯރުވާކަން ދެއްކުމަށް ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށެވެ.
އަލީ ޒާހިރުގެ އެކައުންޓް ހެކުކޮށް ކޮށްފައިވާ ޓްވީޓްތަކާ ގުޅިގެން އެތަށް ބަޔަކު ޓްވީޓާގައި ވެސް އަންނަނީ ފާޑުކިޔަމުންނެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މިކަމުގައި ރައީސް އޮފީސް އެކައުންޓުތަކުން ވެސް އޮޅިގެން ޓްވީޓް ކުރެވެނީ ކަމަށާއި ޗީފް އޮފް ސްޓާފަށް ވެސް އޮޅިގެން ޓްވީޓް ކުރެއްވެނީ ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި "އޮޅިގެން މުޅި ދައުލަތް ބޭނުން ކުރެވެނީ" ކަމަށާއި އެހެން ނުހެދުމަށް އޭނާ އެދިވަޑައިގެންފައި ވެއެވެ.
މީގެއިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރާ ނުރަނގަޅު ކަންކަން މަތި ޖެހުމަށް, ފޮރުވުމަށް ފަހަރަކު މުއައްސަސާއެއް ބޭނުން ކުރަމުން ގެންދިޔުމުން މުޅި ދައުލަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ކަމަށެވެ.
މީގެއިތުރުން މިކަމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ކަމަށާއި މިކަމާ އަލީ ޒާހިރާ ކުޑަވެސް ގުޅުމެއް ނެތް ކަމަށެވެ.
ދާދިފަހުން އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ މިނިސްޓަރު ފައްޔާޒަށް ތާއީދުކޮށް ކޮށްފައިވާ ޓްވީޓެއް ރައީސް އޮފީހުގެ ޓްވީޓާ އެކައުންޓުން ރިޓްވީޓްކުރި މައްސަލައެއް ވެސް ވަނީ ފެންމަތި ވެފައެވެ.
ހެކެއް ނުކުރޭ...ހެކްކުރި އެކައުންޓެއް 24 ގަޑިއިރު ނުވަނީސް ނުލިބޭނެ...ޖަހާނެއެއްޗެއް ޖަހާފަ ހެކްކުރި ކަމަށް އެންމެން ދެން ހަދަންވީ...މިގޮލާގެ ދުވަސދުއްވާލަންވި...މީ ޔަހޫދީއެއް