ފެބުރުއަރީ 24 ގައި ރަޝިއާ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ ހަނގުރާމަ ފެށިފަހުން މި ދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ޔޫކްރައިނުން މަރުވި އާންމުންގެ އަދަދު 925 އަށް އަރާފައި ވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ އދގެ އިދާރާ (އޯއެޗްސީއެޗްއާރް) އިން ހާމަ ކޮށްފިއެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ އިދާރާއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ރަޝިއާއިން ހަނގުރާމަ ފެށި ފަހުން މަރުވި އާންމުންގެ ތެރޭގައި 11 އަންހެން ކުދިންނާއި، 25 ފިރިހެން ކުދިންގެ އިތުރުން، ވަކި ޖިންސެއް އަދި ކަށަވަރު ކުރެވިފައި ނުވާ 39 ކުއްޖަކު ހިމެނެއެވެ.

ރަޝިއާގެ އުދުވާންތަކުގައި ޔޫކްރައިނުން އާންމުންގެ 1496 މީހަކު ޒަހަމް ވެފައި ވާ ކަމަށްވެސް އިންސާނީ ހައްގުތަކާ ބެހޭ އދގެ އިދާރާއިން މައުލޫމާތު ދެއެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ އިދާރާއިން ބުނީ އާންމުންގެ ގިނަ ބައެއްގެ ފުރާނައަށް ގެއްލުން ލިބިފައި ވަނީ، ބޮޑު ސަރަހައްދަކަށް އަސަރު ކުރާ ޒާތުގެ ގޮވާތަކެތި، ހަތިޔާރުގެ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުންނެވެ. އެގޮތުން އަސްކަރީ ބަރު ހަތިޔާރާއި ރޮކެޓް ނިޒާމް އަދި މިސައިލް ހަމަލާތަކުގެ ބާރުގެ ބޭނުން ކޮށްފައި ވާ ކަމަށް އދގެ އިދާރާއިން ހަބަރު ދެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ރަޝިއާގެ އުދުވާންތަކުގައި މަރުވި އާންމުންގެ އަދަދު ހާހަކާ ގާތް ކުރާ ކަމަށް ދެއްކި ނަމަވެސް، ހަގީގީ އަދަދުތައް މިއަށްވުރެ އިތުރުވުން އެކަށީގެން ވާ ކަމަށްވެސް އދގެ އިދާރާއިން ބުނެއެވެ. އެހެނީ، ހަނގުރާމަ ގަދަ ވެފައި ވާބައެއް ސަރަހައްދުތަކުން މައުލޫމާތު ލިބުން ލަސްވުމާއި، ލިބެމުންދާ މައުލޫމާތު ކަށަވަރު ކުރުމަށް ވަގުތު ބޭނުން ވުން ކަމަށްވެސް އިންސާނީ ހައްގުތަކާ ބެހޭ އދގެ އިދާރާއިން ބުނެއެވެ.

ޔޫކްރައިންގައި ރަޝިއާއިން ކުރަމުން ދާ ހަނގުރާމާގައި ހަރަކާތްތެރި ވަމުން ދާ ރަޝިއާގެ ޕައިލެޓުންނަކީ އިންސާނިއްޔަތު ކަމުގެ ކުލުނެއް އަދި ހިތެއްވެސް ނެތް ބައެއް ކަމަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވަނީ ސިފަކުރައްވާފައެވެ.