ވޯލްޑް ޝެފްސް ކޮންގްރެސް އެން އެކްސްޕޯގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް ޖަމިއްޔާގެ ފަރާތުން 20 ޝެފުން ބައިވެރިވާ ގޮތަށް ނިންމައިފިއެވެ.

ޗެފްސް ގައިލްޑް މޯލްޑިވްސް އިން ބުނީ، ދުނިޔޭގެ އެކި ގައުމުތަކުގެ ޝެފުން އެއްތަނަކުން ބައްދަލުވާ މި އަހަރުގެ ވޯލްޑް ޝެފްސް ކޮންގްރެސް، އަންނަ މެއި މަހުގެ 30 އިން އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި އޮންނާނެ ކަމަށެވެ.

ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑްޝެފްސް) ގައި ދިވެހިރާއްޖެ ތަމްސީލު ކުރާ ޖަމިއްޔާގެ ހައިސިއްޔަތުން، ޝެފްސް ގިލްޑުން ކޮންމެ އަހަރަކު ވެސް އެ އެކްސްޕޯގައި ބައިވެރިވެއެވެ. މި އަހަރު ބައިވެރިވާ ޓީމުގައި، ކަލިނަރީ ދާއިރާއިން ތައުލީމު ހާސިލުކުރަމުން ގެންދާ 6 ޒުވާން ޝެފުން ހިމެނެއެވެ. މި 6 މީހުންނަކީ ބީބީއެމްގެ ސްޕޮންސާގެ ދަށުން ދާ 6 މީހުންނެވެ.

މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ދުނިޔޭގެ 50 ގައުމަކުން 80 ކަލިނަރީ ސްކޫލު ތަމްސީލުކޮށް ބާއްވާ އެޑިއުކޭޓާސް ފޯރަމްއާއި، އެކި ފަންނުތަކުން ޝެފުން "ވޯލްޑްސް ބެސްޓް ޝެފްސް"ގެ ލަގަބަށް ވާދަކުރާ "ގްލޯބަލް ޝެފްސް ޗެލެންޖް" އާއި، ވޯލްޑް ޝެފްސް އެކްސްޕޯގެ އިތުރުން، 25 އަހަރުން ދަށުގެ ޝެފުންނަށް ހާއްސަކޮށްގެން ބާއްވާ "ބިލީ ގެލެގާ ޔަންގް ޝެފްސް ފޯރަމް" ވެސް އޮންނާނެއެވެ.

ސީޖީއެމް އަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލުކުރުމަށް އުފެއްދި އެންމެ ފުރަތަމަ، އަދި ހަމައެކަނި ނޮން-ޕްރޮފިޓް އަދި ނޮން-ގަވަމަންޓް ޖަމިއްޔާއެވެ.