އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ މައްސަލަ އަލުން ހުށަހަޅަން ހައިކޯޓުން ހުކުމްކޮށްފިއެވެ.

އިސް ފަނޑިޔާރު ހާތިފް ހިލްމީއާއި، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި، ފަނޑިޔާރު އަލީ ސަމީރުގެ ބެންޗުން ބެއްލެވި މައްސަލާގައި ކުރި ހުކުމްގައިވާގޮތުން، އެ މައްސަލަ މަދަނީ މިންގަނޑަކުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ގޯސްކޮށެވެ.

ހައިކޯޓުން ކުރި ހުކުމްގައިވާގޮތުން، މަހްލޫފާ ދެކޮޅަށް ހުށަހަޅާފައިވާ މުހިންމު ހެކިތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައެއް ނުވެއެވެ.

އެހެންވެ، ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، މަހްލޫފްގެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް، ފަނޑިޔާރުން ވަނީ ހުކުމްކޮށްފައެވެ.

ކްރިމިނަލް ކޯޓުން މަހްލޫފްގެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވިގޮތުގައި މަހްލޫފަށް 33،000 ޑޮލަރު ލިބުނުކަން ސާބިތު ކުރެވެން އޮތް ނަމަވެސް، އެ ފައިސާއަކީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާގެ ގޮތުގައި ސާބިތުކުރެވެން ނުފެންނަ ކަމަށާއި، އެހެންވެ، ޝަރީއަތުގެ މަރުހަލާގައި ހެކިބަސް ނެގިޔަސް އެ މައްސަލަ ސާބިތު ކުރެވޭނެ ކަމަށް ނުފެންނާތީ ދައުވާ ކުރިއަށް ނުގެންދަން ނިންމީއެވެ

މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް، މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ.