މާލޭގެ އެކި ސަރަޙައްދުތަކުން މިހާތަނަށް 195 ޕެލެޓު ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މި މަހުގެ 15 ވަނަ ދުވަހު ސިޓީ ކައުންސިލުން ވަނީ މަގުމަތީގައި އުޅަނދުތައް ޕާކުކޮށް ހިނގާ މީހުންނަށް އުނދަގޫވާގޮތަށް ބަހައްޓާފައި ހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް ފަށާފައެވެ.

ސިޓީން ކައުންސިލުން މީގެ ކުރިން ދެ ފަހަރެއްމަތިން ޕަލެޓްތަށް ނަގަންވެސް ވަނީ އަންގާފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މަގުތަކުގައި ގަވާއިދާ ހިލާފަށް ބެހެއްޓިފައިވާ ޕެލެޓްތައް ނެގުމުގެ މަސައްކަތުގެ ތެރެއިން މާލެ ސިޓީގެ އެކި ސަރަހައްދުތަކުން މިހާތަނަށް 195 ޕެލެޓް ނަގާފައިވާ ކަމަށެވެ،

ބައެއް ވިޔަފާރިތަކުން މުދާ ބާލާއެރުވުމަށް އުޅަނދުތައް ކައިރިކޮށްފައި ބޭއްވުމަށް އެ ޖާގަ ހުސްކުރުމުގެ ގޮތުން ވެސް ޕެލެޓްތައް ބަހައްޓައެވެ. އެ ކައުންސިލުން ބުނީ ވަކި ކަމަކަށް އިމާރާތް ބޭނުން ކުރުމުގެ ހުއްދަ އަށް އެދި ސިޓީ ކައުންސިލަށް ހުށަހެޅުމުން ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ސިޓީ ކައުންސިލުން ޕާކްކުރުން މަނާކަން އަންގައިދޭ “ޑަބަލް ލައިން” އެ ތަނުގައި ކުރަހައިދޭނެ ކަމަށެވެ.