ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމާފައިވާ އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންނަ ހުކުރު ދުވަހުގެ ހަވީރު "ނޭވާހޮޅިއަށް" ގެ ނަމުގައި އިދިކޮޅުން އަންނަނީ މާލޭގައި ހަރަކާތެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ. މިއީ ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން މިނިވަންވެ ވަޑައިގަތް ފަހުން އިދިކޮޅުން މާލޭގައި މިފަދަ ބޮޑު އެއްވުމެއް މާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އިންޑިއާ އައުޓް ހަރަކާތް ސަރުކާރަށް ނުހުއްޓުވެނީ ކީއްވެތޯ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަރިހުގައި މިއަދު ސުވާލު ކުރައްވާފައެވެ.

"ކީއްވެގެންތޯ ކޮން ގާނޫނެއް ކޮންތާކު ނެތިގެންތޯ މި އަމަލު، މި ހުތުރު ހަޑި އަމަލު ނުހުއްޓިގެން މި އުޅެނީ؟ ކޮން ގަވައިދެއް ކޮން ގާނޫނެއް ނެތިގެންތޯ ނޫނީ އަޅުގަނޑުމެން އިތުރަށް ކޮން ކަންތައްތަކެއްތޯ ކޮށްދޭންވީ މި މަޖިލީހުން މި ކަންތައްތައް ހުއްޓުވުމަށް؟."
އަލީ އާޒިމް / ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު

އާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ މައްޗަށް ކުރިމަތިކޮށްފައިވާ ގާނޫނާ ގަވައިދުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަންނަ ހުކުރު ދުވަހު އެއްވުން ބާއްވާނެ ކަމުގެ މައުލޫމާތު ލިބިފައިވާއިރު، އެކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކާ ވާނީ ވާހަކަ ދައްކައި، އެ އެއްވުން ނުބޭއްވޭނެ ކަމަށް ވިދާޅުވެފައެވެ.

"ގާނޫނާއި ގަވައިދާ ހިލާފަށް އެފަދަ ކަމެއް ނުހިންގޭނެ ކަމަށް މިހާރު ވާނީ އެ ބޭފުޅުންނަށް ދެންނެވިފަ." މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް، އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ސްޕޯކްސްޕާސަން ހީނާ ވަލީދު މީޑިއާތަކަށް ވިދާޅުވި ގޮތުގައި، ހޯމް މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކުން އެ އެއްވުމާ ގުޅިގެން އެއްވެސް ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ. އަންނަ ހުކުރު ދުވަހު އެ އެއްވުން ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ވަނީ އެ އެއްވުން ބޭއްވޭނެ ކަމަށް ވިދާޅުވެފައެވެ.

ޔާމީން މިނިވަންވެވަޑައިގަތް ފަހުން، އިދިކޮޅުން ވަނީ އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ފުޅާކޮށްފައެވެ. އެގޮތުން، އެ ހަރަކާތް ރަށްރަށަށް ފުޅާކޮށްފައިވާއިރު، ޔާމީން ވަނީ ބައެއް ރަށްރަށަށް ވަޑައިގެން އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އެއާއެކު، ސަރުކާރު ހިންގާ އެމްޑީޕީން ވަނީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފާސް ކުރުމަށް ފަހު، ވަރަށް އަވަހަށް އެ ބިލް މަޖިލީހަށް ހުށަހަޅައި ގާނޫނަކަށް ހެދުމަށް ހުށަހަޅާފައެވެ.