ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 8038 ބަނގުރަލާއި އިތުރު އެއްޗެހިތަކެއް ނައްތާލައިފިއެވެ.

ކަސްޓަމުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި އިއްޔެ ނައްތާލާފައިވާ ކަމަށެވެ. ނައްތާލެވުނު ތަކެތީތެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަނގުރާ އެކުލެވޭ ބާވަތްތަކާއި ދުންފަތުގެ ބާވަތްތަކާއި ރާއްޖެ އެތެރެކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވްތައް ކަމަށެވެ.

އެ ތަކެތި އިއްޔެ ނައްތާލީ ތިލަފުށީ ކުނީ ނައްތާލާ ސަރަހައްދުގައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އިއްޔެ ކަސްޓަމުން ވަނީ 8038 ބަނގުރާ ފުޅި އާއި 1103 ބިޔަރު ދަޅު އާއި 314760 ބިޑި އަދި 19968 ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ނައްތާލާފައެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލައިފައި ވަނީ ކަސްޓްމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.

މީގެ އިތުރުން އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސް ގައި ހިފެހައްޓާފައި ހުންނަ ތަކެތި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ނައްތާލާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.