ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ކޮށްފައި ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު މުރާޖާކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މިއަދު އެޓާނީ ޖެނެރަލް ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަދި ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އެ ބައްދަލުވުމުގައި ވަނީ ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖާކުރުމާއި، ހަރުކަށިފިކުރު ހުއްޓުވުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަތުމަށް މަޝްވަރާ ކޮށްފައެވެ. ހަމައެއާއެކު އެ ބައްދަލުވުމުގައި ވަނީ، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުމަށް މަޝްވަރާ ކޮށްފައެވެ. އަދި ކޮންމެ މައްސަލައަކަށް ޖިނާއީ އަދުލުގެ ނިޒާމުން ހަމައެކަނި ހައްލު ހޯދުމުގެ ބަދަލުގައި ކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުމަށް ވެސް މަޝްވަރާ ކޮށްފައެވެ.
ހަގީގަތާ ހިލާފު ހަބަރު ނުވަތަ އެފަދަ މައުލޫމާތު ހިއްސާ ކުރާނަމަ މީގެ ކުރިން ފުލުހުން ވަނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައި މިފަދައިން ހަގީގަތާ ހިލާފް ވާހަކަތަކާއި އެ ފަދަ ޕޯސްތްތައް މީހުން ޝާއިއު ކުރަމުންދާ އިރު، ބައެއް ނޫސްތަިކުން ވެސް ދޮގު މައުލޫމާތު ހިމެނޭ ހަބަރުތައް ޝާއިއުކުރާ ތަން އަންނަނީ ފެންނަމުންނެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެއީ މިނިވަން ނޫސްވެރިކަމެވެ.
މިނިވަން ނޫސްވެރިކަމުގެ މައިގަނޑު އެއް ބަހާއަކީ ދެފަރާތުގެ ބަސް ހިމަނައިގެން، ތެދު ހަބަރުތައް ޝާއިއުކުރުމެވެ. ކަމަކާ ގުޅުން ހުރި ހަބަރެއް ޝާއިއު ކުރާ ނަމަ އެ ކަމާ ގުޅުން ހުރި އިދާރާއެއްގެ ބަސް ހޯދުމަށް ނޫސްވެރިން މަސައްކަތް ކުރަންޖެހޭ އިރު ދޮގު ހަބަރުތައް ގެނެސްދޭ އިރު ކަމާބެހޭ އިދާރާތަކުގެ ބަސް ހޯދަން މަސައްކަތް ނުކުރާ ކަމަކީ ފާހަގަ ކުރެވޭ ކަންކަމެވެ. އެއީ ނޫސްވެރިކަމުގެ އެތިކްސްއާއި، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް މި ކަމުގެ މާހިރުން ބުނެއެވެ.