2019 ވަނަ އަހަރު އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާ ލިބޭ އަދުހަމް ކުށް ކުރިކަމަށް އިއުތިރާފްވި ނަމަވެސް، އަދަބަށް ލުޔެއް ދެވެން ނެތް ކަމަށް، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެއްޖެއެވެ

އދ މާމިގިލި/ ކަނީރުމާގެ 59 އަހަރުގެ ގާސިމް ހަސަން ކަރަށް ވަޅި ހަރައި މަރާލި މައްސަލާގައި މީގެ ކުރިން ތަހުގީގު މަރުހަލާގައިވެސް އަދުހަމް ވަނީ ކުށަށް އިއުތިރާފް ވެފައެވެ. އަދި މައްސަލައިގެ ތަހުގީގު އަވަސްކޮށް އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އޭރު ވަނީ އެއްބަސްވެފައެވެ. އެކަމަކު ފަހުން އޭނާ ވަނީ ކުށަށް އިންކާރު ކޮށްފައެވެ.

ކުށަށް އިއުތިރާފުވެ ފަހުން އެކަމަށް އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ގައިދީން ބިރު ދައްކާ މަޖުބޫރު ކުރުވުންމުން ކަމަށާއި ނަމަވެސް މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރަކަލެއް ނެތްކަމަށްވެސް އަދުހަމް ވަނީ ބުނެފައެވެ. އަދްހަމް ވަނީ ގާސިމްގެ ވާރިސުންގެ ކިބައިން މާއާފަށް އެދި އަދަބު ލުއިކޮށްދިނުމަށް އެދޭކަމަށްވެސް އޭރު ބުނެފައެވެ.

މީގެ ކުރިން އެ މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ އިސްލާއީލް ރަޝީދެވެ. ނަމަވެސް ގާޒީ އިސްމާއީލް ރަޝީދު މަގާމުން ވަކިކުރަން ނިންމުމާއެކު، އޭނާ ވަނީ އިސްތިއުފާ ދީފައެވެ. އެހެންވެ، އެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، އަދުހަމް ކުށަށް އިއުތިރާފްވި ނަމަވެސް، އަދަބަށް ލުޔެއް ދެވެން ނެތް ކަމަށާއި، ކުށަށް އިއުތިރާފްވާން ބޭނުންނަމަ އެ ފުރުސަތު އަދިވެސް އޭނާއަށް އެބައޮތް ކަމަށެވެ. އެއާއެކު، ކުށަށް އިއުތިރާފްވާން ބޭނުންވާ ކަމަށް އަދުހަމް މިއަދުވެސް ބުނެފައިވާއިރު، އެއީ އޭނާގެ "އަތުން ވީ ކަމެކޭ" ބުނުމުން ގާޒީ ވިދާޅުވީ، އަދުހަމް މީގެ ކުރިންވެސް އެހެން ބުނެފައިވާއިރު، މެރުމުގެ ގަސްދު އޮޅުވާލަން މަސައްކަތް ކުރާތީވެ، ހެކިބަސް ނަގަން ޖެހޭ ކަމަށެވެ.

އެހެންކަމުން ޝަރީއަތް ކުރިއަށް ގޮސް ލަސްތަކެއް ނުވެހުކުމަކާ ހަމައަށް ގެންދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެގޮތުން، ހުރިހާ ހެކިންގެ ހެކިބަސް ނެގުމުގެ ބަދަލުގައި ނަގާނީ ބައެއް ހެކިންގެ ހެކިބަސް ކަމަށާއި، ނަގަން ޖެހޭ ހެކިބަސްތައް އަންނަ މަހު ނަގައި ނިންމާލެވޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ހެކިން ހާޒިރު ކުރުމަށްޓަކައި ގިނަ ފުރުސަތުތަކެއް ނުދެވޭނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މިއަދު ދެ ހެއްކެއްގެ ހެކިބަސް ނަގާފައިވާއިރު، އެ ދެ ހެކިންނަކީ ގާސިމަށް ހަމަލަދިން ސަރަހައްދަށް ދިޔަ ފޮރެންްސިކް ފުލުހުންނެވެ. ތިންވަނަ ހެއްކަކީ ކުޑަކުއްޖެކެވެ.