1962 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި، ގދ. ތިނަދޫން މީހުން ބޭލި ހާދިސާގައި އަސަރުކުރި އާއިލާތަކުގެ ބަޔާން އިއްވަމުން ދިޔަ ތިނަދޫ ރައްޔިތުންގެ ދުލުން ނާސިރުގެ އަނިޔާވެރިކަމުގެ ވާހަކަތައް ހިއްސާ ކޮށްފިއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން އިންތިޒާމް ކޮށްގެން ބާއްވާ ތިނަދޫ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި ކުރިއަށް ދިޔައިރު، ތިނަދޫގެ ބައެއް ދުވަސްވީ މީހުން ވަނީ އެމީހުން ރަށުން ބޭލުމަށް ސިފައިން ކަން ކުރި ގޮތާއި އެ ހާދިސާގެ ގިނަ ތަފްސީލުތަކެއް ކިޔައިދީފައެވެ.

ތިނަދޫން މީހުން ބޭލި ހާދިސާގެ ފުރަތަމަ އަޑުއެހުން

އެ ގޮތުން މިއަދު މެންދުރު ފަހު ބޭއްވި ސެޝަންގައި އެ ހާދިސާގައި ސީދާ އަނިޔާ ލިބުނު މީހެއްގެ ހައިސިއްޔަތުން ވާހަކަ ދެއްކި، ގދ. ތިނަދޫ، ސްޓާލީން، ހަސަން އަހްމަދު ދީދީ ބުނީ، ޖެނުއަރީ 31، 1962 ގައި ރައީސް އިބްރާހިމް ނާސިރު "ތިނަދޫއަށް ބަޑިޖަހަމުން އަރައި، އަތިރިމަތީގައި ހުރި ދޯނި ފަހަރު އަންދާ، އިރުއޮއްސެންވާ އިރަށް އެ ރަށުން މީހުން ބޭލި" އިރު އޭނާގެ އުމުރަކީ 9 އަހަރު ކަމަށެވެ. އެ ދުވަހުގެ ހާދިސާ ހިނގި އިރު އޭނާއަށް ފެނުނު މަންޒަރުތައް ރަނގަޅަށް ހަނދާން ހުންނަ ކަމަށް އޭނާ ބުންޏެވެ. އަދި މީސް މީހުންގެ ފަރާތުން މައުލޫމާތު ހޯދައިގެން ވެސް މައުލޫމާތު އެއްކުރި ކަމަށް އޭނާ ބުނެއެވެ.

"ގައިގައި އޮތް ހެދުން ފިޔަވާ ހުރިހާ އެއްޗެއް ވަނީ އަނދައިގެން ގޮސްފައި. ގެންދާނެ މުދަލެއް ފޮއްޓެއް އެއްވެސް އެއްޗެއް ނެތުމުން އަވަހަށް ރަށުން ފައިބައިގެން ދެވޭތޯ ދުވެފައި އަތިރި މައްޗަށް ނިކުތީ. އޭރުވެސް ދިޔައީ ބަޑި ޖަހަމުން. އެކަކު މަރުވެފައި އަތިރިމަތީ އޮއްވާ ދުށިން"
ހަސަން އަހްމަދު ދީދީ

އޭރު އޭނާގެ ބައްޕައަކީ ދިވެހި ދައުލަތާ އެއްކޮޅަށް ހުރި މީހެއް ކަމުން "ސުވައިދީބް ދައުލަތުން" ވަނީ އޭނާގެ ބައްޕަ ހައްޔަރު ކޮށްގެން އައްޑުއަށް ގެންގޮސްފައި ކަމަށް ހަސަން ދީދީ ބުނެއެވެ. ތިނަދޫން މީހުން ބޭލުމަށް ފުރަތަމަ ބަޑިޖަހަން ފެށުމުން އޭނާގެ މަންމަ، 5 ދަރިން ގޮވައިގެން ދިޔައީ ފުއްޓަރު ފަރާތުގައި ހުރި ރައްޓެއްސެއްގެ ގެއަށް ކަމަށް ހަސަން ދީދީ ބުންޏެވެ. އަދި އެ ގޭގައި ތިއްބާ ގެތަކާއި އޮޑިދޯނިފަހަރުތައް އަންދާ ހަބަރު ލިބުމުން ގެއަށް ދިޔަ ކަމަށާއި އެ ދިޔަ އިރު ވަނީ ގެއާއި ބަދިގެ ޕެޓްރޯލް ޖަހާ އަންދާލާފައި ކަމަށް ހަސަން ދީދީ ބުނެއެވެ.

ގެއާއި ހުރިހާ މުދަލެއް އަނދާފައި ވުމުން ދެން އޭނާ ބެލީ ރަށުން ފޭބުމަށް އަތިރިމައްޗާ ދިމާލަށް ދިއުމަށެވެ. އޭރުވެސް ބަޑި ޖަހާ އަޑު އިވުނު ކަމަށާއި އަތިރިމަތީގައި މީހަކު މަރުވެފައި އޮއްވާ ވެސް ފެނުނު ކަމަށާއި، ކުށްވެރިން ހައްޔަރުކޮށް އަނިޔާ ކުރަމުން ގެންދިޔަ މަންޒަރު ވެސް ފެނުނު ކަމަށް ހަސަން ދީދީ ބުންޏެވެ. އޭރު ރަށުތެރޭގައި ތިބި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ވަނީ ރަށުން ފައިބެ ފަޅުތެރޭ ގައި އޮތް އުޅނަދުތަކަށް އަރާ ފުރިފައި ކަމަށާއި އެވަގުތު އޭނާގެ މަންމައާއެކު ފަސް ކުދިން ވެސް އެކި ދޯނިތަަކަށް އަރަން މަސައްކަތް ކުރި ކަމަށް އޭނާ ބުނެއެވެ. ހުރިހާ އުޅަނދެއް ފުރިފައިވުމުން އެރޭ ގޮތް ނުވި ކަމަށާއި އެހެންކަމުން އެ އާއިލާ އެކުގައި އެއްގަމަށް އެރީ ކަމަށް އޭނާ ބުނެއެވެ.

"އަނިޔާވެރިކަން ވަނީ ހައްދު ފަހަނަ އަޅާފަ. ހީވަނީ ގިޔާމަތް ވެގެން އުޅެނީ ހެން. މިވަރުގެ ވެރިއެއް ދުނިޔޭގެ އެއްވެސް ގައުމަކުން ނުފެނެ. ނާސިރު ލާއިންސާނީ އަނިޔާ ކުރީ އޭނާގެ ދީނުގެ އޭނާގެ ނަސްލުގެ އޭނާގެ ރައްޔިތުންތަކަކަށް"
ހަސަން އަހްމަދު ދީދީ

ތިނަދޫން އެ އާއިލާ ބޭލުމުން ދެން އެމީހުން ފުރަތަމަ ދިޔައީ ގއ. ވިލިގިއްޔަށް ކަމަށް ހަސަން ދީދީ ބުނެއެވެ. އެއަށް ފަހު އޭނާގެ ބައްޕައަށް ވަރުވާއަށް ލިޔެފައިވާ ފަޅުރަށަކަށް ދިޔަ ކަމަށާއި އެ ފަޅުރަށުގައި ތިބި ދުވަސްތަކަކީ ހިތްދަތި ދުވަސްތަކެއްގެ ގޮތުގައި އޭނާ ސިފަ ކުރިއެވެ. ކާނެ އެއްޗެއް ނެތް ކަމަށާއި ނިދާނެ ތަންމަތި ނެތް ކަމަށާއި ރޭގަނޑުގެ ކަނު އަނދިރި ކަމުގައި އެއްވެސް އަލިކަމެއް ނެތި އުޅެން ޖެހުނު ކަމަށް އޭނާ ބުނެއެވެ. އެ ފަޅުރަށާ އެއް ފަޅަކުން ގުޅިފައި އޮތް އެހެން ފަޅުރަށް ހުރި ކަމަށާއި އެކި ފަޅުރަށްރަށުގައި ތިބި މީހުން ކާނެ އެތިކޮޅެއް ނެތިގެން ސަލާން ޖަހަމުން އައި ކަމަށް އޭނާ ބުނެއެވެ. އެ ގޮތުން އަންނަ މީހުން ފެނުނު އިރު އެމީހުން ތިބީ ހިކިގެން އަނަރޫފަވެފައި ކަމަށާއި، ފަޅުރަށުގައި ތިބެން ޖެހުމުން މާގިނަ ދުވަހެއް ނުވެ ގިނަ ކުޑަކުދިން މަރުވި ކަމަށް އޭނާ ބުނެއެވެ.

އެއަށްފަހު މާލެއިން ބޯޓެއް ގެނެސް އެކި ރަށްރަށުގައި ތިބި މީހުން މާލެއަށް ގެގެންދިޔަ އީ ކަމަށާއި އަދި ހުކުމް ކުރުމަކާ ނުލައި އަންހެނުންނާއި ކުޑަކުދިންތައް އެކި ރަށްރަށަށް އަރުވާލި ކަމަށް އޭނާ ބުނެއެވެ. އެ ގޮތުން އުމުރުން 6 އަހަރާއި 7 އަަރުގެ ކުދިން މައިން ބަފައިންނާ ނުލައި ވަކިން ރަށްރަށަށް އަރުވާލި ކަމަށް ވެސް އޭނާ ބުނެއެވެ.

ތިނަދޫން މީހުން ބޭލި ހާދިސާގައި ސީދާ އަނިޔާ ލިބުނު މީހެއްގެ ހައިސިއްޔަތުން ބަޔާންދިން އާދަމް ހުސައިން

ތިނަދޫން މީހުން ބޭލި ހާދިސާގައި ސީދާ އަނިޔާ ލިބުނު މީހެއްގެ ހައިސިއްޔަތުން ބަޔާން ދެމުން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ސެޝަންގައި ވާހަކަ ދައްކަމުން ތިނަދޫގެ، އާދަމް ހުސައިން ބުނީ، އެ ރަށުގައި ބަޑިޖަހާ އަނިޔާތައް ދެމުން ދިޔައިރު އޭނާގެ އުމުރުން ތިން އަހަރު ކަމަށެވެ. އަދި އެ ހަމަލާތަކުގައި އޭނާގެ އެއްބަނޑު އެއްބަފާ ތިން މީހުން މަރުވި އިރު މަންމައަށް ސަލާމަތް ކުރެވުނީ އޭނާ އެކަނި ކަމަށެވެ.

"މިރަށުން ބޭލީ ވަރަށް ވިއްސާރަ ދުވަހެއްގެ ރެޔެއްގައި. ވާރޭވެހެމުން ދިޔަ. މަންމަ ދިޔައީ ކާނޑެއްދުއަށް އަނެއް ދުވަހު މަޑަވެއްޔަށް. އާއިލާ މީހުން ތިއްބަސް އެކަކު އަނެކަކަށް އެހީވެވޭނެ ހާލަތެއްގައެއް ނޫން އެ ދުވަހު ކަންތައް އޮތީ،"
އާދަމް ހުސައިން

ދިވެހި ސިފައިންނަކީ ތިނަދޫގެ ނަސްލު އޮޅުވާލާފައި ތިބި ބައެއްގެ ގޮތުގައި ތުހުމަތުކޮށް އޭނާ ބުނީ ސިފައިން އެ މީހުންގެ ގެތަކަށް ވަން ގޮތަށް މައިންބަފައިންގެ ފޮށިތަކުން އެމީހުން ބޭނުން ސާމާނެއް ނަގައިގެން ދިޔަ ކަމަށެވެ. އަދި ރަށްރަށުގެ ކަތީބުންނާއި ވެރިން ވެސް ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި އެހެންވެ ރަށުން ފައިބަން އެ މީހުންނަށް އެ ދުވަހު މަޖުބޫރުވި ކަމަށެވެ. އެ ދުވަހު އެ ރަށުން މީހުން ބާލާފައި މީހުންތައް އަލާލީ ކަނޑަށް ކަމަށާއި، އެ ހާދިސާގައި ވެސް އެތައް ބަޔަކު ކަނޑުވެ މަރުވެގެން ދިޔަ ކަމަށް އޭނާ ބުނެއެވެ. އޭނާގެ މަންމަ ކަނޑުގައި އޮތީ ތާހަކަށް އޭނާ ލައިގެން ކަމަށާއި އަދި އެ ދެމައިން ސަލާމަތް ކުރީ ކަނދުފައްޗެއްގައި އައި ބައެއް ކަމަށް އޭނާ ބުނެއެވެ.

މިއަދު އޮތް އަޑު އެހުމުގައި އެތައް ބަޔަކު ވަނީ އެ މީހުންނަށް ދިމާވި ހިތްދަތި ހާދިސާގެ ވާހަކަތައް ހިއްސާކޮށްފައެވެ. 1959 އިން 1966 އަށް ރާއްޖޭގެ ދެކުނުގެ 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާ ދިނުމުން، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގައި މީހުންގެ ބަޔާން ނަގަމުން އަންނަ އިރު، މިއަދުން ފެށިގެން އާންމުކޮށް ހުޅުވާލައިގެން ބާއްވާ ޑުއެހުންތައް މި މަހުގެ 22 އަށް ތިނަދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި އެއަށް ފަހު މި މަހުގެ 27 ގައި މާލޭގައި ވެސް އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން މި ފަތްފުއްތައް ހުޅުވާލައިެގން މި އުޅެނީ އިންތިގާލީ އިންސާފުގެ ގާނޫނުގައި އެކަމަށް ޖާގަ ދޭތީ، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދޭން ކަމަށް އެއޮފީހުން ބުނެއެވެ.