ސިޔާސީ ޕާޓީތަކުގައި މެންބަރުން އެންމެ މަދުން ތިބެންޖެހޭ އަދަދު ކަމަށްވާ 3،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ކޮންމެ ސިޔާސީ ޕާޓީއެއްގައިވެސް މަދުވެގެން 3،000 މެންބަރުން ތިބެން ޖެހެއެވެ. އެ އަދަދަށް މެންބަރުން ނެތް ޕާޓީތަކުން ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ހަމަކުރަން ޖެހޭ ކަމަށްވެސް އެ ގާނޫނުގައިވެއެވެ.

ނަމަވެސް ރާއްޖޭގައި އޮތް ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމުން، އެ ގާނޫނަށް އަމަލުކުރުން އޮތީ ފަސްކޮށްފައެވެ.

ދާދިފަހުން ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން، 3،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސްދުވަހުގެ ނޯޓިސް ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވިދާޅުވީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުން، ސިޔާސީ ޕާޓީގެ ގޮތުގައި 11 ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން 3،000 މެންބަރުން ހަމަނުވާ ހަތަރު ޕާޓީއެއް އެބައޮތެވެ. އެ ޕާޓީތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އާއި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޑީއާރުޕީ އާއި، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއެވެ.