ރޯދަ މަހަށް ތައްޔާރު ވުމަށްޓަކައި، ކަލާފާނު ސްކޫލްގައި ބެހެއްޓި ޓްރާންސްފޯމަރު އެނާޖައިޒް ކުރަން ތައްޔާރު ވެއްޖެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ، ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް މާލޭގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އަޕްގްރޭޑް ކުރުމަށް މަސައްކަތް ކުރަމުންދާ އިރު، އެ މަސައްކަތުގެ ތެރެއިން ކަލާފާނު ސްކޫލުގައި އަލަށް ބަހައްޓާފައިވާ ޓްރާންސްފޯމަރު މިހާރު ވަނީ އެނާޖައިޒް ކުރަން ތައްޔާރު ވެފައި ކަމަށެވެ.

ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ކަރަންޓުގެ ސިނާއަތުގެ ދަށުން މިހާރު ވަނީ ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައް ވަނީ ބަހައްޓާފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައި ވާއިރު، ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ.

މި އަހަރުގެ ކަލަންޑަރު ދައްކާ ގޮތުން ރޯދަ މަސް ފެށޭނީ އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ. ރޯދަ މަސް ފެށެން ކުޑަތަން ވެފައިވާ އިރު އެ ދުވަސް ވަރު މި އަހަރު ވެސް ދިމާވަނީ ހޫނު ގަދަ ދުވަސްވަރާ ކަމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ. އެ ގޮތުން ރޯދަ މަހުގެ ކަރަންޓު ބިލުތަކުން އެ ބަދަލު ފެނިގެން ދިއުމަކީ އެކަށީގެން ވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

ހޫނު ގަދަ މޫސުމާއި ރޯދަ މަހާ މިދިޔަ އަހަރުވެސް ދިމާ ވުމުން ކަރަންޓް ބިލްތައް ބޮޑު ވާ މައްސަލަ ފެންމަތިވެފައި ވާތީ، މިއަހަރު އެ ދުވަސްވަރާ ދިމާކޮށް ސްޓެލްކޯ އިން އަންނަނީ "ސޭވް އެނާޖީ" ގެ ނަމުގައި ކެމްޕެއިނެއް ހިންގަމުންނެވެ. މި ކެމްޕެއިނުގައި ކަރަންޓު ހަރަދު ކުޑަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ކަރަންޓު ބޭނުން ކުރާ އިރު ސަމާލުކަން ދޭން ޖެހޭ މުހިއްމު ކަންކަމާއި އަދި އާންމުންގެ ސުވާލުތަކަށް ވެސް އެ ކުންފުނިން އަންނަނީ ޖަވާބު ދީ އާންމުން ހޭލުންތެރި ކުރުވަމުންނެވެ.

ކަރަންޓުގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށް ދިނުމުގައި އަބަދުވެސް ދެމިތިބި ސްޓެލްކޯގެ އަމާޒަކީ، ކަރަންޓުގެ މަސައްކަތްތައް ފުރިހަމަ ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމުގައި ދެމި ތިބުމެވެ.