2 އަހަރުގެ މެދުކެނޑުމަކަށްފަހު އުރީދޫ މަސްރޭހުގެ ސީޒަން 11 މިއަހަރު ބާއްވަން ނިންމާ، ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އުރީދޫއިން ބުނީ މަސްރޭހުގައި ބައިވެރިވެވޭނީ އެ ކުންފުނީގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫއިން ބާއްވަމުން އަންނަ މަސްރޭހަށް ވަނީ ބޮޑުތަރުހީބެއް ލިބިފައެވެ. މިކަންވެފައިވަނީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާއިއެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ކުރެވޭނެ ކަމަށެވެ.
އުރީދޫގެ ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒު ވިދާޅުވީ ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މަސްރޭސްގެ 11 ވަނަ ސީޒަން އިއުލާން ކުރީ ނުހަނު އުފަލާއެކު ކަސްޓަމަރުންނާއި މަސްބޭނުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި ކަމަށެވެ. އަދި މަސްރޭސް ވަނީ ރައްޓެހިންނާއި އާއިލާ އަދި އެކުގައި މަސައްކަތް ކުރާ މީހުންނާއެކު ރަމަޟާން މަހުގެ ތެރޭގައި ގުޅުން ބަދަހިކޮށް ރަނގަޅު ވަގުތުތަކެއް ހޭދަކުރުމުގެ ގޮތުން ކުރެވިދާނެ ކަމެއްކަން ނިޔާޒު ވަނީ ފާހަގަކުރައްވާފައެވެ.
އުރީދޫއިން ބުނީ ވޭތުވެދިޔަ އަހަރުތަކާއި އެއްގޮތަށް މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށްވެސް އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއް ހުށައަޅާފައިވާ ކަމަށެވެ.
މުޅި މުބާރާތުން ހޮވާ ވަނަތަކާއި ލިބޭ އިނާމުތަކަކީ:
• އެއްވަނަ ހޯދާ ޓީމަށް 50،000 ރުފިޔާ
• އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5000 ރުފިޔާ އާއި ރަންކޯރި
• އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 ރުފިޔާ
އުރީދޫއިން ބުނީ އެ މަސްރޭސް ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ފިޔަވާ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަ ވަނީ މޭ މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން އެދެއެވެ.
އުރީދޫއިން އިތުރަށް ބުނީ މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 މާރިޗް ގެ ކުރިން އުރީދޫ ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެ ކަމަށެވެ.