ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެސްޓީއޯއިން ހުޅުވާފައިވާ ފިއުލް ޓެސްޓިން ލެބޯރަޓަރީގައި ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓްކޮށްފިއެވެ.
އެސްޓީއޯއިން ބުނީ ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓް ކުރާ ގޮތައް އެސްޓީއޯއިން ހުޅުވި އެ ލެބޯޓްރީގައި ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ފޮނުވި ޖެޓްފިއުލް ސާމްޕަލެއް ކަމަށެވެ.
އެސްޓީއޯއިން ބުނީ އެ ލެބް ހެދުމާއެކު ހާއްސަގޮތެއްގައި އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓެއް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ. އަދި އެ ލެބް މެނޭޖްކޮށް ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްގެ ފަރާތުން ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
ޖެޓްފިއުލްގެ އިތުރުން ރާއްޖެ އެތެރެކުރާ ޕެޓްރޯލް އާއި ޑީސަލްގެ ކީ ޕެރަމީޓަރސްތަށް ވެސް މި ލެބޯޓަރީއިން ޓެސްޓްކުރެވެން ހުރިއިރު މީގެކުރިން ރާއްޖެ ގެންނަ ތެޔޮ ޓެސްޓް ކުރުމަށް ފޮނުވަމުން ދިޔައީ ރާއްޖެއިން ބޭރަށެވެ.