ހަނގުރާމަ އިންތިހާއަށް ގަދަވެފައިވާ ޔޫކްރައިންގެ މަރިއުޕޮލް ސަރަހައްދުގެ ތިއޭޓަރަކަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިން ރަޝިއާގެ ޕައިލެޓަކީ "ފުރޭތަ"އެއް ކަމަށް، ޔޫކްރައިންގެ ދިފާއީ ވަޒީރު އެލެކްސީ ރެޒްނިކޯވް ސިފަ ކުރައްވައިފިއެވެ.
ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ އުދުވާންތަކުން ސަލާމަތްވުމަށް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން، އެތަނެއްގެ ތެރޭގައި ހިމާޔަތް ހޯދަމުން ދިޔަ ތިއޭޓަރަށް ބޮން އެޅި ހާދިސާގައި ފުރާނަ ސަލާމަތްވީ ކިތައް މީހުންގެ ކަމެއް އަދި ސާފެއް ނުވެއެވެ.
ނަމަވެސް ހަމަލާއަށް ފަހު މިހާރު، ކޮންމެވެސް ވަރަކަށް އެ އިމާރާތުގެ ތެރެއިން ދިރިބީން ނިކުންނަމުން ދާ ކަމަށް ހަބަރު ލިބެއެވެ.
ވީޑިއޯ ލިންކް މެދުވެރި ކުރައްވާ، ޔޫރަޕިއަން ޕާލަމެންޓްގައި ވާހަކަދައްކަވަމުން ރެޒްނިކޯވް ވިދާޅުވީ، ތިއޭޓަރަށް ބޮން އެޅިއިރު އެ އިމާރާތުގެ 2 ފަރާތުގައި ބޮޑު އަކުރުން ފެންނާނެހެން "ކުޑަކުދިން" ލިޔެފައި އޮންނާނެ ކަމަށެވެ. އެ ތިއޭޓަރުގައި 1200 އެއްހާ އަންހެނުންނާއި ކުޑަކުދިން ތިބޭނެ ކަމަށް ރެޒްނިކޯވް ވަނީ ވިދާޅުވެފައެވެ.
ރެޒްނިކޯވް ވިދާޅުވީ އިމާރާތުގެ ބޭރުގައި "ކުޑަކުދިން" ލިޔެފައި ވާނީ ބޮން އަޅަމުން ދާ ޕައިލެޓުންނަށްވެސް ފެންނާނެ ހާ ސާފުކޮށް ކަމަށާ، އެހެން ނަމަވެސް އެ "ފުރޭތަ"، އެ އިމާރާތަށް ބޮން އެޅީ ކަމަށެވެ.
ސީއެންއެންއިން ވަނީ އެ އިމާރާތުގެ ތަސްވީރެއް ހޯދާފައެވެ. ފޮޓޯ ޖިއޯލޮކޭޓް ކޮށްގެން ސީއެންއެންއިން އާންމު ކުރި ސެޓެލައިޓް ފޮޓޯގައި، އިމާރާތުގެ 2 ފަރާތުގައި، މައްޗަށް ފެންނާނެހެން ސާފުކޮށް، "ކުޑަކުދިން" ލިޔެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޔޫކްރައިންގައި ރަޝިއާއިން ކުރަމުން ދާ ހަނގުރާމައަށް މަހެއް ވާން ގާތްވެފައި ވާ އިރު، މި ހަނގުރާމަގައި 100 އަށްވުރެ ގިނަ ކުދިންގެ ފުރާނަ ގެއްލިފައި ވާ ކަމަށް ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.