ސްރީލަންކާ އިން ރާއްޖެ އައި އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ އަތުން ޖުމްލަ 12.7 ގުރާމްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިރޭ ބުނީ، ލަންކާއިން ވައިގެ މަގުން ރާއްޖެ އައި އިނގިރޭސިވިލާތުގެ މީހަކު ހުއްޓުވާ ބަލާ ފާސްކޮށް މަސްތުވާތަކެތި އަތުލާފައި ވާ ކަމަށެވެ. އަތުލި މަސްތުވާތަކެއްޗަކީ، ކެނަބިސް އޮއިލް އާއި ކެނަބިސް ހާބަލްއެވެ. މި ތަކެތީގެ ބަރުދަނުގައި 12.7 ގްރާމު ހުރި ކަމަށް ކަސްޓަމުން ބުނެއެވެ.

ކަސްޓަމްސް އިން ދޭތެރެ ދޭތެރެއިން މަސްތުވާތަކެއްޗާއެކު ބޭރު މީހުން ހައްޔަރު ކުރެއެވެ.

މި ފަހަރު މި މީހާ ހައްޔަރު ކުރީ މި މަހުގެ 6 ވަނަ ދުވަހު ނަމަވެސް، އެކަން އާންމު ކުރީ މިރެއެވެ. އެހެން ކަމުން މި ވީ 10 ދުވަހުގެ ތެރޭގައި އެމީހާއަށް ހެދި ގޮތެއް ސާފެއް ނުވެއެވެ.

ކަސްޓަމުން ބުނަނީ އެމީހާއާއި، އަތުލައިގަތް ތަކެތި ފުލުހުންނާ ހަވާލު ކުރީ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ފުލުހުންވެސް މި މައްސަލައިގައި އެއްވެސް ވާހަކައެއް ބުނެފައެއް ނުވެއެވެ.

ރާއްޖެ އަންނަ އެކިއެކި ފަރާތްތަކުން މަސްތުވާތަކެތި އަތުލައިގަންނަ ކަން ކަސްޓަމުން ހާމަ ކުރަމުން ދާ އިރު އިއްޔެ ނޫން އިހަށް ދުވަހުވެސް ކަސްޓަމުން ވަނީ، މިމަހުގެ 9 ވަނަ ދުވަހު 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަން ކަމަށް ބުނެފައެވެ. ހަމަ އެހެންމެ މިމަހުގެ 1 ވަނަ ދުވަހު ރާއްޖެ އެތެރެ ކުރަން އުޅުނު 3.359 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންކަން މި މަހު 11 ވަނަ ދުވަހު އިއުލާން ކުރިއެވެ.

ކަން ހިނގާތާ އެތައް ދުވަހެއް ފަހުން، ކަސްޓަމުން ހާމަ ކުރި ނަމަވެސް މި ތަކެއްޗާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދެން ހެދި ގޮތެއް ފުލުހުންވެސް ނުބުނެއެވެ.