އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ފިނެކް އިންސްޓިޓިއުޓް ފޯ ޑިވަލޮޕްމަންޓް ސްޓަޑީސުން ފައްޓާ ކޮންމެ ކޯހެއްގައި އެއް އަނހެންކަށް ހިލޭ ކިޔެވުމުގެ ފުރުސަތު، ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އިން ދޭން ނިންމައިފިއެވެ.
މިގޮތަށް ނިންމީ އަންހެނުން ބާރުވެރި ކުރުވުމަށާއި، އަންހެނުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް ޓަކައި ފިނެކް އާއި ބީސީއެމްއާ ގުޅިގެން ރޭ ސޮއިކުރި އެމްއޯޔޫއާ އެކުގައެވެ. 2 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވީ އެއްބަސްވުމުގައި ފިނެކްގެ ފަރާތުން ސޮއިކުރެއްވީ އެކަޑެމިކް ކައުންސިލްގެ ވައިސް ޗެއަރ ފާތުމަތު މުނާއެވެ. ބީސީއެމްގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފާތުމަތު ނައުޝާނެވެ.
އެ އެއްބަސްވުމުގެ ދަށުން ފިނެކްގެ ފަރާތުން ހިންގާ ކޮންމެ ކޯހެއްގައި ބީސީއެމްގެ ފަރާތުން ބައިވެރިކުރާ 1 އަންހެނަކަށް ހިލޭ ކިޔެވުމުގެ ފުރުސްތު ލިބިގެންދާނެއެވެ. މީގެ އިތުރުން ބީސީއެމްގެ ފަރާތުން އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ ހަރަކާތްތަކަށް ފިނެކް އިން ފަންނީ ލަފާ އާއި އެހީތެރިކަން ދިނުމަށް އެ އެއްބަސްވުމުގައި ބަޔާން ކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން ފިނެކްގެ ފަރާތުން އަލަށް ތައަރުފު ކުރަން ނިންމާފައިވާ "ސްޓްރެޓެޖިކް ޖެންޑާ ޑެވަލޮޕްމަންޓް" ކޯހުގެ މުގައްރަރު އެކުލަވާލުމާއި އިޖުތިމާއީ އެހެނިހެން ކޯސްތައް ފަރުމާކުރުމުގައި ބީސީއެމްގެ ފަރާތުން ފަންނީ އެހީތެރިކަން ދިނުމަށް ހަމަޖެހިފައި ވެއެވެ.
އަންހެނުންގެ ހައްގުތައް ހޯދައި ދިނުމަށާއި އަންހެނުން ބާރުވެރި ކުރުވުމުގެ މަގްސަދުގައި ބީސީއެމްގެ ފަރާތުން އަންނަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގަމުންނެވެ. އެ ގޮތުން އަންހެނުން ޓެކްނޮލޮޖީއަށާއި ގާނޫނީ ދާއިރާއަށާއި މީޑިއާގެ ދާއިރާއަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސެލްފް ޑިފެންސް ކްލާސްތައް އަންނަނީ ހިންގަމުންނެވެ.