ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން އިތުރުފުޅު ހައްދަވާ މައްސަލައިގައި ވަޒީރުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އާދަމް ޝަރީފް މި މައްސަލަ ހުށަހެޅުއްވީ، ކޯޓުތަކުގައި މައްސަލަތައް ލަސްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވި ޖަވާބާ ގުޅިގެންނެވެ.

ރިއްފަތު ވިދާޅުވެފައި ވަނީ ގޯސްހަދާ ފަރާތްތައް ފުލުހުންގެ އިދާރާއާއި ތަހުގީގުގެ އެހެން އިދާރާތަކުގައި ތިބި ކަމަށާއި، އެފަދަ ގޯސް ހަދަނީ ރާވައިގެން، އިންތިޒާމްވެގެން ކަމަށެވެ. އިމްރާން ވިދާޅުވެފައި ވަނީ، ގަސްދުގައި ގޯސްހަދާ ބަޔަކު ދިވެހި ފުލުހުންގެ ހިދުމަތުގައި ނެތް ކަމަށެވެ. މިކަމާ ގުޅިގެން އާދަމް ޝަރީފް ވިދާލުވީ، ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާކަމަށް މަޖިލީހުގެ ރިޔާސަތުން ފާހަގަ ކުރައްވާފައި ވާ ކަމަށެވެ.

ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާންޖެހޭނެ ކަމަށާއި، ސަރުކާރު ބަލިކަށިޔަސް ވުޒާރާތަކުގެ ގުޅުމެއް ނެތަސް ރައްޔިތުންނަށް އޮޅުވާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީރުންގެ ފަރާތުން ފެންނަމުން ދަނީ ނާގަބިލުކަމާއި ޒިންމާދާރުަކން ކުޑަކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އަމަލުތަކަށް 2023 ގައި ރައްޔިތުން ޖަވާބު ދޭނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުގެ ވަޒީރުން ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވުމަކީ ގާނޫނު އަސާސީގެ 93 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ހިލާފުވާ ކަމެކެވެ. އެހެންކަމުން މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ގާނޫނުއަސާސީއާ ހިލާފުވެފައިވާ ވަޒީރުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އާދަމް ޝަރީފް ވަނީ ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައެވެ.