މީގެ ތިން ދުވަސް ކުރިން އިންޑިއާގެ ކޮޗިންގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

އެ އެކްސިޑެންޓުގައި ޒަހަމްވެފައި ވަނީ އިންޑިއާ އަށް ބޭސްފަރުވާއަށް ދިޔަ ދިވެއްސެއް ކަމަށްވާ އއ. ބޮޑުފުޅަދުއަށް އުފަން އާދަމް ޝަހީމެވެ. އެ އެކްސިޑެންޓުގެ ސަބަބުން އޭނާގެ މޫނު މައްޗަށް ވަނީ އަނިޔާވެފައެވެ.

ޝަހީމްގެ އާއިލާގެ ފަރާތުން ބައެއް މީޑިއާތަކަށް ބުނީ، ޝަހީމް އެކްސިޑެންޓުވެފައި ވަނީ މަގުމަތިން ހިނގާފައި ދަނިކޮށް، އޭނާގެ ފަހަތުން މީހަކު ދުއްވަމުން ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެހުމުން ކަމަށެވެ. ސައިކަލު ޖެހުމުން އޭނާ ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓިފައިވާ ކަމަށް އެ އާއިލާއިން ބުނެފައި ވެއެވެ.

އެ އެކްސިޑެންޓުގައި ޝަހީމްގެ ކަނާތު ލޯމަތީ ކަށިގަނޑު ބިންދައިގެން ގޮސް ހުރުމުގެ ސަބަބުން ލޮލުގެ ކަޅި ތިރިއަށް ވެއްޓިފައި ވާއިރު، ތުންފަތާއި ނޭފަތަށް އަދި ފަޔަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ އާއިލާއިން ބުނެއެވެ.

އޭނާއަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ނަމަވެސް ހާލު ރަނގަޅުވުމުން ވޯޑަށް ބަދަލުކޮށްފައި ވާއިރު، ލޮލުގެ ކަށިގަނޑަށް ލިބުނު އަނިޔާ ރަނގަޅު ކުރުމަށް ހުކުރު ދުވަހު އޮޕަރޭޝަން ކުރާނެ ކަމަށް އެ އާއިލާއިން ބުންޏެވެ.