މަނީ އެކްސްޗޭންޖްގެ ނަމުގައި ސައްހަނޫން ޑޮލަރުތަކެއް ވިއްކަމުންދާ ކަމަށް ބުނެ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ މަނީ އެކްސްޗޭންޖްގެ ނަމުގައި ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް މެދުވެރިކޮށް އެމެރިކާ ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކޮށް، ސައްހަނޫން ޑޮލަރު ވިއްކަމުންދާ މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށާއި އެފަދަ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ.

އެގޮތުން، މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީގައި އެމެރިކާ ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަށްފަހު، ޑޮލަރު ގަންނަން ބޭނުންވާ މީހާ އާ ވަކިން ވާހަކަ ދެއްކުމަށްފަހު، ޑޮލަރު ވިއްކާ މީހުން ބޭނުންވާ ތަނަކަށް އެ މީހާ ގެންގޮސް، އާންމުން ނޫޅޭ ސަރަހައްދަކަށް ގެންދިއުމަށް ދައުވަތު ދޭ ކަމަށް ފުލުހުން ބުންޏެވެ.

އަދި ޑޮލަރު ގަންނަން ބޭނުންވާ މީހާ ރުފިޔާ ދިނުމުން ކައުންޓަފީޓް ނުވަތަ ސައްހަނޫން ޑޮލަރު ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން ފުލުހުން ވަނީ ބޭރުފައިސާގެ މުއާމަލާތް ކުރުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ މިފަދަ މުއާމަލާތްތައް ނުކުރުމަށާއި، މިފަދަ މުއާމަލާތް ކުރުމަށްފަހު ދޭ ފައިސާއަކީ ސައްހަ ފައިސާކަން ކަށަވަރުކުރުމަށްވެސް އިލްތިމާސް ކޮށްފައެވެ.