ސިނަމާލެ ބްރިޖާ ދިމާލު ވެލިގަނޑަށް ރޭ އެރި ވެލާ ބިސް އަޅައިފިއެވެ.
އެ ވެލާ އަރާފައިވަނީ މާލޭގެ އިރު ދެކުނު ފަރާތުން، ސިނަމާލެ ބްރިޖް ފެށޭ ކޮޅުގެ ދެކުނު ފަރާތުން ހެދިފައިވާ ވެލިގަނޑުގެ މައްޗަށެވެ. މިދިޔަ މަހުގެ ފަހުކޮޅުވެސް ހަމަ އެ ސަރަހައްދެއް ވެލައެއް ވަނީ އަރާފައިވާއިރު، އެ ދުވަހު އެރި ވެލާގެ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ.
އެ ދުވަހު އެރި ވެލާ މޫދަށް ބޭރުކޮށްލި ނަމަވެސް، ފުލުހުން ވަނީ ރޭ އެރި ވެލައަށް ހިމާޔަތްދީ، އެ ސަރަހައްދު ބަލަހައްޓާފައެވެ. އެ ވެލާ ވަނީ އެ ސަރަހައްދަށް ފަހުން ބިސްވެސް އަޅައިފައެވެ.
އެ ބިސްތައް މިހާރު އެތަނުން ނަގައި ފޯސީޒަންސް ކުޑަހުރާ ރިސޯޓަށް ގެންގޮސްފައި ވާއިރު، ބައެއް މީޑިއާތަކަށް ދެއްވި މައުލޫމާތުގައި އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ، ވެލާ ބިސްތައް އެ ތަނުން ނަގާފައި ވަނީ އިތުރު އެހެން ގޮތެއް ނެތުމުން ކަމަށެވެ. އެގޮތުން، ވެލާ ބިސް އަޅާފައި ވަނީ ރާޅު ޖަހާ ސަރަހައްދަކަށް ކަމަށް ވުމުން، ގުދުރަތީގޮތުން އެ ބިސްތައް ފީވުމުގެ ފުރުސަތު އެ ސަރަހައްދުގައި ކުޑަ ކަމަށް ވާތީ، ފޯސީޒަންސްއަށް ގެންދިޔައީ ރައްކާތެރިކަމާއެކު ބިސް ފީކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ
މީގެ ކުރިން މާލެއަށް ވެލައާއި ކަހަނބު އަރައި އުޅުނު ނަމަވެސް، މާލެ ވަށައި ބޮޑު ތޮށި ލުމާ ގުޅިގެން ވެލައާއި ކަހަނބު އެރުން ވަނީ ގާތް ގަނޑަކަށްހެން ހުއްޓިފައެވެ. މިއީ އެތައް އަހަރަކަށް ފަހު މާލެއަށް ވެލާ އެރި ދެވަނަ ފަހަރެވެ.
އާންމު ގޮތެއްގައި ވެލައެއް އެރުމަށް ފަހު، އެ ތަނުގައި 100 އެއްހާ ބިސް އަޅައެވެ. ނަމަވެސް، އޭގެ ތެރެއިން ސަލާމަތްވެ، ބޮޑުވަނީ ވަރަށް މަދު ވެލައެކެވެ. އާންމު ގޮތެއްގައި 30-20 އަހަރު ފަހުން އެ ވެލާ އަނެއްކާވެސް އެނބުރި އަންނަ ކަމަށް މުސްކުޅިން ބުނެއެވެ.