އެސްޓީއޯއިން ބޭނުންވަނީ އާންމުންގެ ކުރިމައްޗަށް ވިޔަފާރި ގެންގޮސްދީ، އާންމު ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަޅުގަނޑު ގާތު އިއްޔެ އެހެން ވިދާޅުވިއިރު، ފިހާރައަށް ވަނުމުންވެސް އަޅުގަނޑުގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ އަމިއްލަ ބައެއް ވިޔަފާރިތަކަށް ދޫކޮށްފައިވާ ޖާގަތަކެވެ.

ބޮޑެތި ބަދަލުތަކާއެކު އެސްޓީއޯއިން ޒަމާންވީ ޕީޕަލްސް ޗޮއިސް ފިހާރަ ޒަމާނީ ފެންވަރަކަށް ރޭ އަލުން ހުޅުވާފައިވާއިރު ފެންނަނީ ވަރަށްވެސް ތަފާތުކޮށެވެ. ބާޒާރު ސަރަހައްދުގައި ހުންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ބައެއް ތަކެއްޗާއި، އެސްޓީއޯގެ ފާމަސީތަކުން ވިއްކާ ބައެއް ބޭސްތައް އެއް ފުރާޅެއްގެ ދަށުން ލިބެން ހުރުމުގެ އިތުރުން، ދެން އަޅުގަނޑަށް ފާހަގަވެފައިވަނީ އަމިއްލަ ބައެއް ވިޔަފާރިތަކަށް އެ ފިހާރައިގައި ހުޅުވާލާފައިވާ ފުރުސަތުތަކަށެވެ. އެގޮތުން އަށް ވިޔަފާރިއަކަށް ފުރުސަތު ދިންއިރު، އޭގެ ތެރޭގައި މަޝްހޫރު ސިޓީ ބޭކަރީއާއި އަސްރަފީ ބުކްޝޮޕްގެ އިތުރުން، ލެޕްޓޮޕާއި ޓެކްނޮލޮޖީގެ ސާމާނު ވިއްކާ މެކްސްކޮމްވެސް ހިމެނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް / ދަ ޕްރެސް ފޮޓޯ: އަހްމަދު އިޔާދު

ފިހާރަ ހުޅުވައިދެއްވުމަށް ފަހު "ދަ ޕްރެސް" އަށް ދެއްވި އިންޓަވިއުގައި އަމްރު ފާހަގަ ކުރައްވާފައިވަނީ ކުދިކުދި ތަންތަންކޮޅުގައި ބޮޑެތި ހަރަދުތަކެއް ކޮށް ކޮންމެ މީހަކުވެސް ވިޔަފާރި ކުރާކަމެވެ. އޭގެ އިތުރުން، އެ މީހަކު ބޭނުންވާ އެއްޗެއް ނުވަތަ މުދަލެއް ގަންނަންވެސް ވަކިވަކި ފިހާރަތަކަށް ދާ ދިއުމުގެ ސަބަބުން ދިމާވާ ދަތިތައްވެސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް، އޭގެ ބަދަލުގައި އެއް ތަނަކުން ހުރިހާ އެއްޗެއް ލިބެން ހުރުމުން، އާންމުންގެ އިތުރުން، ވިޔަފާރިވެރިންނަށްވެސް އެކަމުގެ ފަސޭހަ އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމަކު އޭގެ ބަދަލުގަ މިހެން އައިސް އެހެން އެއްޗިއްސާ އެކީގަ މިހެން ފެނުނީމަ ވާގޮތަކީ އެ ތަފާތު އެބަ އާދޭ، އެއްޗެހި ގަންނަންވެސް އެބަ ބޭނުންވޭ، ފަސޭހަވެސްވޭ އެބަ، ޓަސްލާފަ އެ ފެންނަނީ ބޭނުންވާ އެތި."
ހުސައިން އަމްރު / އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު

އަމްރު ވިދާޅުވި ގޮތުގައި އެސްޓީއޯގެ މަގްސަދަކީ އާންމު ވިޔަފާރިތައް ކުރިއަރުވައި، އެ ވިޔަފާރިތަކަށް ސޭލްސް އިތުރުކޮށްދީ، އެ ވިޔަފާރިތަކުގެ ކަސްޓަމާ ބޭސް އިތުރުކޮށްދިނުމެވެ. އެ ކުންފުނިން މި ކޮންސެޕްޓަށް ޕީޕަލްސް ޗޮއިސް ޑިޒައިންކޮށް ފެށުމުން، ބައެއް އަމިއްލަ ވިޔަފާރިތަކުން ގުޅާއިރު، އޭގެ ތެރޭގައި ޑިޒައިނަރުންނާއި ގަޑި ފަދަ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހިމެނޭ ކަން ފާހަގަ ކުރެއްވިއެވެ.

އެސްޓީއޯ ސުޕަމާޓް ރީބްރޭންޑްކޮށް ޕީޕަލްސް ޗޮއިސްގެ ނަމުގައި އަލުން ހުޅުވުން, ނޯޓް ފިހާރައިގެ ބައެއް މުވައްޒަފުން ފޮޓޮއަކަށް ހުއްޓިގެން / ދަ ޕްރެސް ފޮޓޯ: އަހްމަދު އިޔާދު

"އަޅުގަނޑުމެންގެ ބޭނުމަކީ މިއަދު މިއަށްވުރެ ބޮޑަށް އެކްސްޕާންޑްކުރުން. ބޭރު ގައުމުތަކުގަ ކަންކުރާ ގޮތަށް ކަންކުރުން،" ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ޒަމާނާ އެއްގޮތަށް އެސްޓީއޯއަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވީ، މާ ލަސްތަކެއް ނުވެ ސެލްފް ޗެކްއައުޓް ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތްތައް ފަށާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ ސެލްފް ޗެކްއައުޓް ސިސްޓަމެއް އަޅުގަނޑުމެން ބަހައްޓާނަން. އޭރުން 24 ގަޑިއިރު ހިދުމަތްދޭ ތަނެއްވެސް ހުންނާނެ. މީހަކު ނެތި ވަދެ ބޭނުންވާ އެތި ނަގައި އޭތި ޕޭކޮށްލައިގެން އަމިއްލައަށް ނުކުމެގެން ދިއުން."
ހުސައިން އަމްރު / އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު

"އަޅުގަނޑުމެން ބޭނުންވަނީ ބޮޑަށް އާންމުންނަށް [އާންމުންނާ ދިމާލަށް] ވިޔަފާރި ގެންގޮސްދޭން." އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ވިޔަފާރިވެރިންނަށް ފަހިކޮށްދިނީ ފަހި ފުރުސަތެއްކަން ފާހަގަކުރައްވައި، އަމްރު ވިދާޅުވި ގޮތުގައި ބޭރުން ތަފާތު ބާވަތުގެ މުދާ ގެނެސް އަމިއްލަ ފިހާރަ ކުއްޔަށް ހިފައި، އެ ތަނަށް ކަރަންޓު ލައި، މުވައްޒަފުން ގެނެސް ބޮޑެތި ހަރަދުތައް ކުރާކަށް ދެނެއް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ހިދުމަތް ދެމުން ގެންދާނީ އެސްޓީއޯގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޭޝިއަރުން ތިބޭނެ. އަޅުގަނޑުމެންގެ ތަން، އަޅުގަނޑުމެންގެ ކަރަންޓު، އެ މީހުން އެކަނި އައިސް އެމީހުން ބޭނުންވާ ތަންކޮޅު އެކަނި ނަގަން ޖެހެނީ، އަޅުގަނޑުމެން ޖެހިގެން އަންނަ ދުވަހު އެ މީޙުންނަށް ސޭލްސް އެއްކޮށް މި ދެނީ. އެހެންވީމަ އެމީހުންނަށް ހުރިހާ ކޮސްޓެއް ދިޔައީ. މާކެޓްކުރާކަށް ހަގީގަތުގަ ނުޖެހޭ ތަނެއް. އަޅުގަނޑުމެން އެބަ މާކެޓުވެސް ކުރަން."
ހުސައިން އަމްރު / އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު

"އެ މީހުން [ވިޔަފާރިވެރިން] ހަމައެކަނި މާކެޓްކުރީމަ ނިމުނީ، ވިއްކުމުގެ ބައިގަ އެއްވެސް ފިކުރެއް ކުރާނެ ކަމެއް ނެތް." އަމްރު ވިދާޅުވިއެވެ.

ވިޔަފާރިތަކުން ފާހަގަކުރަނީ މިއީ އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް ލިބުނު ފުރުސަތެއް ކަމަށް

އެސްޓީއޯއިން ރޭ ޒަމާންވީ ސުޕަމާޓް ފިހާރަ ޒަމާނީ ކޮންސެޕްޓަކަށް ހުޅުވުމުން، އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ އަމިއްލަ ބައެއް ވިޔަފާރިތަކަށް ދޫކޮށްފައިވާ ޖާގަތަކެވެ. އޭގެ ތެރޭގައި ބައެއް ކުދި ވިޔަފާރިތަކާއި ރާއްޖޭގައި ނަން މަޝްހޫރު ބައެއް ވިޔަފާރިވެސް ހިމެނެއެވެ. އެ ވިޔަފާރިތަކުގެ ތެރޭގައި ހިމެނެނީ:

  • ނޯޓް ކޮސްމެޓިކްސް
  • އަސްރަފީ ބުކްޝޮޕް
  • ސިޓީ ބޭކަރީ
  • ޕީކަބޫ
  • ޕޮއިސް ޕާފިއުމްސް
  • މެކްސްކޮމް ކޮމްޕިއުޓާސް
  • ދަ މެރަތަން ޝޮޕް

މީގެ ތެރެއިން ބައެއް ވިޔަފާރިތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާ އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރި މީޑިއާ ޓީމުން ސުވާލުކޮށް ވާހަކަ ދައްކާލިއިރު، މައިގަނޑު ގޮތެއްގައި ހުރިހާ ވިޔަފާރިއަކުން ބުނަމުން ދިޔައީ، މި ފުރުސަތުގެ ސަބަބުން އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެން ދިޔަ ކަމަށެވެ.

އެގޮތުން، ސިޓީ ބޭކަރީގެ އޮޕަރޭޝަންސް މެނޭޖަރު އަބްދުﷲ ޒުބައިރު ވިދާޅުވީ، އެސްޓީއޯއިން މިފަދަ ފުރުސަތެއް ހުޅުވާލުމުން، އިތުރު މީހުންނަށް ބޭކަރީން ހިދުމަތް ދިނުމަށް ފުރުސަތުތައް ލިބިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ވަރަށް ބޮޑު އޮޕޮޗުނިޓީއެއް މި ލިބުނީ ފުދޭވަރަކަށް. އަޅުގަނޑުމެންނަށް ގަބޫލުވެފަ އޮތްގޮތުން ވެއްޖިއްޔާ ގާތްގަނޑަކަށް 2،000 ބޭފުޅުން މިތަނަށް ވަދެވަޑައިގަންނަވާނެ، އެހެންވީމަ މިއީ ހަމަ ވަރަށް ރަނގަޅު ފުރުސަތެއް އަޅުގަނޑުމެންނަށް ލިބިގެން ދިޔަ." ޒުބައިރު ވިދާޅުވިއެވެ.

އެސްޓީއޯ ސުޕަމާޓް ރީބްރޭންޑްކޮށް ޕީޕަލްސް ޗޮއިސްގެ ނަމުގައި އަލުން ހުޅުވުން, ސިޓީ ބޭކަރީ / ދަ ޕްރެސް ފޮޓޯ: އަހްމަދު އިޔާދު

ހަމަ އެއާއެކު، ޕޮއިސް ޕާފިއުމްސްގެ މެނޭޖިން ޑިރެކްޓަރު އިލްޔާސް މުހައްމަދު ވިދާޅުވީ، މި ފުރުސަތުގެ ސަބަބުން ވިޔަފާރިތައް ކުރިއަރައި، އެކަމުގެ ސަބަބުން ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ.

"ހަމަ ގައިމުވެސް މިއަދު އެސްޓީއޯއިން އަޅުގަނޑުމެން ޕްރައިވެޓް ސެކްޓާގެ ވިޔަފާރިތަކަށް މި ދެވޭ ފުރުސަތަކީ އަސްލުގަ ޕްރައިވެޓް ސެކްޓާ ކުރިއެރުވުމަށް ލިބޭ ރަނގަޅު ފުރުސަތެކޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑު ދެކޭގޮތުގައި ހަމަ ގައިމުވެސް ދުވަހަކަށްވުރެ ދުވަހެއް މިގޮތަށް ލިބޭ ފުރުސަތުތަކުގައި ވިޔަފާރިތައް ކުރިއެރުމަށް ވަރަށް ބޮޑު ފުރުސަތުތައް ލިބިގެން ދާނެ." އިލްޔާސް ވިދާޅުވިއެވެ.

މިފަދަ ފުރުސަތަކަށް މަޑުކުރާތާ އެތައް ދުވަހެއް ފަހުން، މިކަހަލަ ފުރުސަތެއް ލިބުމަކީ ލިބުނު އުފަލެއްގެ ގޮތުގައި ފާހަގަ ކުރައްވައި، ނޯޓް ކޮސްމެޓިކްސްގެ ޗީފް މާކެޓިން އޮފިސަރު އިސްމާއީލް އަޒްމީ އަދުނާން ވިދާޅުވީ، މި ބަދަލަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން ގާތްގަނޑަކަށް 10 އަހަރު ވެއްޖެ މަޑުކުރާތާ މިފަދަ ފުރުސަތަކަށް. ރާއްޖޭގައި މި ފުރުސަތު އަޅުގަނޑުމެންނަށް ދެއްވީތީ އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މި ބަދަލަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަރުހަބާ ކިޔަން." އަޒްމީ ވިދާޅުވިއެވެ.