އެއާޕޯޓްގައި ހިނގާފާނެ ކުއްލި ހާލަތަކަށް ތާއްޔާރުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދުން ބާއްވާ ފުލްސްކޭލް އެމަޖެންސީ އެކްސަސައިޒް، މާދަމާ ހަވީރު ކުރިއަށްގެންދަން ނިންމައިފިއެވެ.

އެމްއޭސީއެލްއިން ބުނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީއާއި ގުޅިގެން ކުރިއަށް ގެންދާ ރާއްޖޭގެ އެވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު މި ހަރަކާތުގައި އެކިދާއިރާ ތަކުން 400 އަށް ވުރެގިނަ މީހުން ބައިވެރިވާނެ ކަމަށެވެ.

އެކަމުގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި އެއާޕޯޓްގެ އެމަޖެންސީ ޕްލޭން އަދި ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާސްކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހަލަތުގެ ޕްލޭން ޓެސްޓްކުރުމެވެ. މި ހަރަކާތުގައި އެއާޕޯޓްގެ އެކި ދާއިރާތަކުގެ އިތުރުން ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭގޮތުން 30 އިދާރާއަކުން ބައިވެރިވާނެ ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.

އެމްއޭސީއެލްއިން ބުނީ މާދަމާ ފަށާ މި ހަރަކާތުގައި ރަސްމީ އެއާލައިންގެ ގޮތުގައި އެމިރޭޓްސް ބައިވެރިވާއިރު މިއީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތެއްގައި ބައިނަލް އަގްވާމީ އެއާލައިންއަކުން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށެވެ.

އެމްއޭސީއެލްއިން ބުނީ މާދަމާ ހަވީރު 4 އިން ރޭގަނޑު 8 ޖެހުމާއި ހަމައަށް ހަރަކާތް ކުރިއަށް ގެންދާއިރު ހަވީރު 4 އިން 6 އަކަށް އެއަޕޯޓުގެ ރަންވޭގެ އޮޕަރޭޝަން އެއްކޮށް މަޑުޖައްސާލާނެ ކަމަށެވެ. އެހެންނަމަވެސް ބައިނަލް އަގްވާމީ އުދުހުންތަކުގެ ޗެކްއިން އަދި ސީޕްލޭން އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.