ކަނޑުމަތިން އަތުލައިގެން 12 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުން ހުރި ދިވެއްސަކާއި ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ދިވެހި ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ދިވެހި މީހާގެ ބަންދަށް 10 ދުވަސް ޖަހާފައި ވާ އިރު ބަންގްލަދޭޝްގެ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ކަނޑުމަތީގައި ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އަތުލައިގެން މަސްތުވާތަކެއްޗާއެކު ވަނީ އިންޑިއާގެ 37 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގައި ފުރަތަމަ ހައްޔަރު ކޮށްފައިވާ އިންޑިއާ މީހާއަކީ މީގެކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ފަހަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.