ޓްރާންސްޕޯރޓް ކޯޕަރޭޝަން އަދި އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން އާއި އިންސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާ ކުރުމަށް ރާއްޖެއާއި ސިންގަޕޫރާ ދެމެދު، ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެއްބަސްވުންތަކުގައި ސޮއި ކުރަން ސިންގަޕޫރްގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުންތަކުގައި ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އަދި ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސިންގަޕޫރުގެ ޓްރާންސްޕޯޓް އަދި ޓްރޭޑް ރިލޭޝަންސް މިނިސްޓަރު އެސް އިސްވަރަންއެވެ.
ސިންގަޕޫރުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ދަށުން، ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ދަތުރުފަތުރުގެ ދާއިރާގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށާއި މިގެތެރޭގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ ތަމްރީނާއި ކަނޑުދަތުރުފަތުރުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމާއި މަގުމަތީގެ ޓްރެފިކް މެނޭޖް ކުރުމާއި އަދި މަތިންދާބޯޓުތަކަށް ދިމާވާވއެކްސިޑެންޓްތަކާއި ވައިގެ ދަތުރުފަތުރުގައި ހިނގާ ހާދިސާތައް ތަހުގީގުކުރުން ހިމެނޭ ކަމަށް ޓްރާްސްޕޯޓު މިނިސްޓްރީއިން ބުނެއެވެ.
ނަހުލާ ވިދާޅުވީ މިއެއްބަސްވުންތަކަކީ ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެ ގައުމުންވެސް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ހިތްވަރު ލިބިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި އެސްއިސްވަރަން ވަނީ ސިންގަޕޫރަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި މި އެއްބަސްވުންތަކުގައި ސޮއިކުރެވުމުން ދަތުރުފަތުރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.