ގޯސް ހަދާ ފުލުހުން ތިބިކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވި ނަމަވެސް، އެފަދަ ފުލުހުން ތިބިކަން ފާހަގަ ނުކުރެވޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިގޮތުން ހަސަން ލަތީފު ވަނީ ގަސްދުގައި ގޯސް ހަދާ ފުލުހުން އެބަތިބިތޯ އާއި އެފަދަ ފުލުހުންނާއި މެދު އަޅާފައި ވަނީ ކޮން ފިޔަވަޅުތަކެއްތޯ އައްސަވާ އިމްރާނާ ސުވާލު ކުރައްވާފައެވެ.

މަޖިލީހަށް މިއަދު ލިޔުމުން ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވީ، ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދާ މީހުން އެކަން ކުރަނީ ގަސްތުގައި ނުނިޔަތެއް ބާއްވައިގެން ކަމަށް ބަންޑާރަނައިބު ވިދާޅުވިނަމަވެސް އެފަދަ ބަޔަކު ތިބިކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

އެފަދަ މީހުން ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބިކަން މިހާތަނަށް ފާހަގަކުރެވިފައިނުވާތީ، ބަންޑާރަނައިބު ވިދާޅުވިކަމަށް ބަޔާންކުރައްވާފައިވާ ވާހަކަފުޅާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ބަންޑާރަނައިބާ އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައި ނުވާކަމުގައި ދަންނަވަން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިޖަވާބާ ގުޅިގެން މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވަނީ މިކަމުގައި ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ހަސަން ލަތީފް ވަނީ ނުނިޔަތުގައި މަސައްކަތްކޮށް ގަސްތުގައި ގޯސްހަދާ މީހުުން ފުލުހުންގެ ހިދުމަތުގައި ތިބިކަން ފާހަގަކުރެވިފައިވޭތޯ އަދި އެފަދަ ބަޔަކާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިވާނަތޯ ސުވާލު ކުރައްވާފައެވެ.

އެސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާ ކުރާ ފުލުހުންނަކީ، އެކަށޭނެ ތައުލީމާއި ތަމްރީން ލިބިގެން ވަރަށް އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރާ ގާބިލް މުވައްޒަފުންކަން ފާހަގަކުރާ ކަމަށެވެ.