ޖައްވީ ފަތުރުވެރިކަން ކުރިއެރުވުމަށް ދުނިޔޭގެ އެންމެ މުއްސަނދިން ހިފާފައިވާ އަމާޒުގެ ތެރެއިން، ސަޓަޑޭނައިޓް ލައިވްގެ ތަރި، ޕީޓް ޑޭވިޑްސަން، އަންނަ ހަފުތާގައި ޖައްވަށް ދަތުރު ކުރާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.

އުމުރުން 28 އަހަރުގެ ކޮމީޑިއަން އަދި ކިމް ކާޑޭޝިއަންގެ މިހާރުގެ ލޯބިވެރިޔާގެ މަގާމުގައި ހުރި ޕީޓް ޑޭވިޑްސަން ޖައްވަށް ދަތުރު ކުރާނީ، ޖެފް ބީޒޯސްގެ ޖައްވީ ފަތުރުވެރި ކުންފުނި، "ބްލޫ އޮރިޖިން" މެދުވެރިކޮށެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމަށްފަހު "ބްލޫ އޮރިޖިން" އިން ކުރާ 4 ވަނަ ކޮމާޝަލް ފްލައިޓުގައި ފައިސާ ދައްކައިގެން ދަތުރު ކުރާ 5 ފަސެންޖަރުންނާއެކު، ޕީޓް ޑޭވިޑްސަން ބައިވެރިވާނީ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ކަމަށް "ބްލޫ އޮރިޖިން" އިން ވަނީ ހާމަ ކޮށްފައެވެ.

6 ބުރީގެ އިމާރާތެއްގެ އުސްކަން ލިބިފައިވާ ޖައްވީ އުޅަނދު "ނިއު ޝެޕަޑް" ގައި ޕީޓް ޑޭވިޑްސަން ޖައްވަށް އުދުއްސާލާނީ މާޗް 23، 2022 ވަނަ ދުވަހުއެވެ. މުޅި ދަތުރަށް ހޭދަ ވާނީ 10 މިނެޓެއް ހާއިރު ކަމަށް މައުލުމާތު ލިބެއެވެ. މި ދަތުރުގައި، ދުނިޔޭގެ ބިމުގެ ސަތަހައިން ފެށިގެން 350000 ފޫޓު އުހަށް، ޕީޓް ޑޭވިޑްސަން ދަތުރު ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

ޖައްވީ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ބީޒޯސްގެ ކުންފުނިން ކުރަމުން ދާ މަސައްކަތުގެ ތެރެއިން މިހާރުވެސް ބައެއް ތަރިން ވަނީ ޖައްވީ ދަތުރު ކޮށްފައެވެ. އޭގެ ތެރޭގައި "ސްޓާ ޓްރެކް"ގެ ބަތޮލް، ވިލިއަމް ޝެޓްނާ ހިމެނެއެވެ. ހުދު ބީޒޯސްވެސް ވަނީ "ބްލޫ އޮރިޖިން"ގެ ފްލައިޓެއްގައި ޖައްވަށް ދަތުރު ކޮށްފައެވެ. އެއީ ޖައްވީ ފަތުރުވެރިކަން ފެށުމުގެ ގޮތުން ޖުލައި 2021 ގައި ކުރި ދަތުރެވެ.