އދ. ހަންޏާމީދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތަކުގެ ތެރެއިން 2900 މީޓަރުގެ ކޭބަލް ވަޅުލާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ހަންޏާމީދޫ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް ކުރުމަށްޓަކައި ޖުމްލަ 2950 މީޓަރުގެ ކޭބަލް އެ ރަށުގައި ވަޅުލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން މިހާރު 2900 މީޓަރުގެ ކޭބަލް ވަޅުލާ ނިމިފައިވާ ކަމަށާއި މި މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ އެކަމުގެ ފަސޭހަތައް ހަންޏާމީދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ހަންޏާމީދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް ކުރިއަށް ދާއިރު ސްޓެލްކޯއިން ދަނީ އެހެނިހެން ރަށްރަށުގައިވެސް ހުންނަ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އެކުންފުނިން ވަނީ، ފެނާއި ނަރުދަމާ ނިޒާމު އަޅަން ހަވާލުނުކޮށް ހުރި ބައެއް ރަށްރަށުގައި އެ މަސައްކަތްތައް ކުރުމަށް ހަވާލު ވެސް ވެފައެވެ.