ކ. ތިލަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 3 މީހަކަށް އަނިޔާވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެ ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 3 ބިދޭސީންނަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 3 މީހުންވެ ތެރެއިން އެކެއްގެ ފަޔަށް ވަރަށް ބޮޑަށް ވަނީ އަނިޔާ ލިބިފައެވެ.

"ދަ ޕްރެސް" އަށް ލިބުނު ފޮޓޯތަކުން ފެންނަގޮތުގައި އެ ހާދިސާގައި ބޮޑަށް އަނިޔާވި މީހާގެ އެއް ފައިގެ ކަކުލުން ތިރި އޮތީ ޗިސްވެފައެވެ. އަދި އޭނާގެ ފައިތިލައިގެ މަސްގަނޑުގެ ކަށިގަނޑު ވެސް ފޮޓޯ އިން ފެނެއެވެ.

މިހާދިސާ އާ ގުޅިގެން ފުލުހުން ބުނީ ތިލަފުށީ ސައިޓުގައި މަސައްކަތް ކުރުމުގައި އުޅުނު 3 ބިދޭސީއަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް މިއަދު 11:05 ހާއިރު ގެންގޮސްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.