އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެންޕެއިން ޕޯސްޓެއް، ރައީސް އޮފީހުގެ ރަސްމީ ޓްވިޓާ އެކައުންޓް އިން ރީ-ޓްވީޓް ކުރީ އޮޅުމަކުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒް ރޭ ކުރެއްވި އެ ޓްވީޓަކީ މުލަކާއި ނިލަންދެ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރަށްފަހު އެ ރަށްތަކުން ދެއްވި މެހެމާންދާރީއަށް ޝުކުރު ދެންނެވުމަށް ކުރެއްވި ޓުވީޓެކެވެ.
އެ ޓުވީޓުގައި ފައްޔާޒް ވަނީ ޕާޓީގެ ހިންގުން އެހެން މަރުހަލާއަކަށް އުފުލާލަން މެންބަރުން އެދޭ ކަމަށާއި އެކަން އެގޮތަށް ވާނެ ކަމަށް ވިދާޅުވެފައެވެ.
ފައްޔާޒު އެޓްވީޓު ކުރެއްވިތާ އިރުކޮޅެއް ނުވަނީސް ރައީސް އޮފީހުގެ ރަސްމީ ޓްވިޓާ އެކައުންޓުން އެ ޓްވީޓް ވަނީ ރީ-ޓްވީޓް ކޮށްފައެވެ. އެ ޓްވީޓު ރިޓްވީޓު ކުރިތާ އިރުކޮޅެއްގެ ތެރޭގައި ވަނީ ނަގާފައެވެ. ނަމަވެސް ގިނަ ބަޔަކުވަނީ އެ ޓުވީޓުގެ ސްކްރީން ޝޮޓު ނަގައި އާންމުކޮށްފައެވެ.
ރައީސް އޮފީހުން ރޭ ކުރެއްވި ޓްވީޓެއްގައި ބުނީ، ރޭގެ އިރާކޮޅުގެ ވަގުތެއްގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެނޑިޑޭޓެއްގެ ޓުވީޓެއް، ނޭނގުމެއްގެ ތެރެއިން މި ހެންޑަލްއިން ރިޓުވީޓު ކުރެވުނު ކަމަށެވެ. އަދި މަދު މިނެޓު ކޮޅެއް ވަންދެން އެ ޓުވީޓު ފެންނަން އިން ކަމަށާއި އަދި އެކަން ހިނގީ އޮޅުމަކުން ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ، މައުލޫމާތު ފެތުރުމަށް އެ އޮފީހުން ބޭނުންކުރާ ވަސީލަތްތައް ކަމަށްވާ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކަކީ އެ އޮފީހުގެ އުސޫލެއްގެ ގޮތުން، ވަކިވަކި ސިޔާސީ ޕާޓީތަކުން އިންތިޒާމުކުރާ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން މެޓީރިއަލް ނުވަތަ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ބޭނުންކުރާ ތަކެތި ނޫން ކަމަށެވެ.
މިކަން ހިނގައިދިޔަ ގޮތް ހޯދަން ފަށާފައިވާ ކަމަށާއި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު މިހާރު އަޅާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. މި ދެބޭފުޅުން ވާދަ ކުރެއްވުމާއެކު އެމްޑީޕީގެ މެންބަރުން މިހާރު ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ.