މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގަށްވުރެ 39 ޕަސެންޓު އިތުރު ވި ނަމަވެސް ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 39 ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް މިދިޔަ ޖެނުއަރީ އާ ބަލާއިރު 9.6 ޕަސެންޓުގެ ދަށްވުމެކެވެ.

ރާއްޖެއަށް އެތެކުރި މުދަލުގެ އަގުގެ އިތުރުން، ފެބްރުއަރީގައި ރާއްޖޭން ބޭރުކުރި މުދަލާއި، އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީވެސް އިތުރުވެފައިވެއެވެ. އެގޮތުން، މިދިޔަ މަހު ރާއްޖޭން ބޭރުކުރި މުދަލުގެ އަގު 309 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭން ބޭރުކޮށްފައިވަނީ 239 މިލިއަން ރުފިޔާގެ މުދަލެވެ. އަދި ދައުލަތަށް އާމްދަނީގެ ގޮތުގައި މިދިޔަ މަހު 3.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 2.7 ބިލިއަން ރުފިޔާއެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ގަލްފް ސަރަހައްދުގެ ގައުމުތަކުންނެވެ. އެގޮތުން މިދިޔަ މަހު އެތެރެކުރި މުދަލުގެ ތެރެއިން އޮމާނުން 621 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޔޫއޭއީން އެތެރެކޮށްފައި ވަނީ 613 މިލިއަން ރުފިޔާގެ މުދަލެވެ. އަވަށްޓެރި އިންޑިއާއިން ވަނީ 509 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އަދި ޗައިނާއިން 442 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެގޮތުން ތައިލެންޑަށް 144 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެގައުމަށް 19 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، ޖަރުމަންވިލާތަށް 18 މިލިއަން ރުފިޔާގެ މުދާ، އަދި އިންޑިއާއަށް 17 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ.