އަސްކަރީ ހެވިކަމުގެ ސާމާނުގެ އިތުރުން އިގުތިސޯދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ކިބައިން ރަޝިއާ އެދިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ޔޫކްރައިންގައި ހަނގުރާމަ ކުރަމުން އަންނަ ރަޝިއާއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ދަތި ކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން އަންނަ މި ދަނޑިވަޅުގައި ޗައިނާގެ އެހީއަށް އެދި ރަޝިއާއިން ގޮވާލާފައި ވާ އިރު، މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިން، ޗައިނާއާއި ރަޝިއާއިން ވަނީ ދެ ގައުމުގެ ގުޅުމުގައި އެއްވެސް ވަރެއްގެ ހައްދެއް ނޯންނާނެ ކަމަށް އިއުލާން ކޮށްފައެވެ.

ކަން މިހެން އޮތް އިރު ޗައިނާ ސަރުކާރުން ވަނީ ޔޫކްރައިން މަސްރަހުގައި އުފެދިފައި ވާ ނުތަނަވަސް ކަން ކުޑަ ކުރުމަށް ޔޫކްރައިންއާއި ރަޝިއާއަށްވެސް ގޮވާލާފައެވެ. އަދި ރަޝިއާއިން ޔޫކްރައިންއަށް "އަރައިގަނެގެން" އުޅޭ ކަމަށް ބުނާ އިބާރާތް ބޭނުން ކުރުމުން ޗައިނާ އެއްކިބާވެފައި ވާ ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ޗައިނާއާއި ރަޝިއާއަކީ އިގުތިސޯދީ ގޮތުން ގުޅުން ބަދަހި 2 ގައުމެވެ. ނިމިދިޔަ 2021 ވަނަ އަހަރު ދެ ގައުމުގެ ވިޔަފަރީގެ ގުޅުންތަކުގެ އަގު، 147 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާއި ޗައިނާގެ ރައީސް ޝީ ޖީންޕިންގްއަކީ ގާތް ގުޅުމެއް ދަމަހައްޓަވާ 2 ލީޑަރުން ކަމުގައި ވީ ނަމަވެސް، ރަޝިއާއަށް ދެމުންދާ އެއްބާރުލުމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާގެ ހައިބަތަށް ވެދާނެ ގޮތަކާ މެދު ޗައިނާއިން ސަމާލު ވާނެ ކަމަށް ބެލެވެއެވެ. އެހެން ކަމުން، މިއީ ޗައިނާއާއި ޝީއަށްވެސް ހައްސާސީ ވަގުތު ކޮޅަކަށް ވެގެންދާނެ ކަމަށް ގަބޫލު ކުރެވެއެވެ.