ކޮވިޑާ ގުޅިގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މާސްކް އެޅުން މަޖުބޫރު ނޫން ކަން އިއުލާން ކުރުމުން ސްކޫލަތްކުގައި ވެސް ދަރިވަރުން މާސްކް އަޅައިގެން އުޅުން މަޖުބޫރު ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނާތީ، ރާއްޖޭގައި އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ކޮވިޑްގެ ފިޔަވަޅުތައް ލުއި ކޮށް އެކަން ވަނީ މިރޭ ހެލްތް މިނިސްޓްރީން އިއުލާން ކޮށްފައެވެ. މި ލުއިތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ، މާސްކް އެޅުން ދަރިވަރުންނަށް މަޖުބޫރު ނުވި ކަމުގައި ވިޔަސް ބެލެނިވެރިޔާ އާއި ދަރިވަރުން ބޭނުންވާ ނަމަ މާސްކް އަލައިގެން ސްކޫލަށް ދިއުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

މާސްކް އެޅުން މަޖުބޫރި ނުވި ނަމަަވެސް ސްކޫލަތަކުގައި އަދިވެސް ހުން ބަލައި އަތް ދޮވުން ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ރާއްޖޭގައި މާސްކް އެޅުން މަޖުބޫރު ނޫން ކަމަށް ހެލްތް މިނިސްްޓްރީން އިއުލާން ކޮށްފައިވާ އިރު އެގޮތަށް އަމަލު ކުރާނީ 20 ޕަސެންޓާ ހަމަައަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުން ނުފެންނަ ރަށްރަށުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މާސްކް އެޅުން މަޖުބޫރު ނުވި ކަމުގައި ވިޔަސް ބަލީގެ އަލާމާތް ހުންނަ ނަމަ މާސްކް އެޅުމަށާއި ގިނަ މީހުން އެއްވާ ފަދަ ތަންތަނަށް ދާ ނަމަ މާސްކް އެޅުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރެއެވެ.