ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.

ހެލްތް މިނިސްޓްރީއިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިއަދުން ފެށިގެން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ޓެސްޓް ކުރާ ނިސްބަތުން 20 ޕަސެންޓަށްވުރެ ދަށް ރަށްރަށުގައި މާސްކް އަޅަން މަޖުބޫރުނޫން ކަމަށެވެ. އެހެންނަމަވެސް ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރެވެ. އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާ މީހުންވެސް އެ ވަގުތު މާސްކު އެޅުން މަޖުބޫރެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ވަނީ ސްކޫލަށް ކުދިން ހާޒިރުވާއިރު ވެސް މާސްކް އެޅުން މަޖުބޫރެއް ނޫން ކަމަށެވެ. އެހެންނަމަވެސް ދަރިވަރާއި ބެލެނިވެރިޔާ ބޭނުން ނަމަ ދަރިވަރުން މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ބަލީގެ އަލާމާތް ހުންނަ މީހުންނާއި ބަލިޖެހުމުން ނުރައްކާ ވެދާނެ މީހުންނާއި މިފަދަ މީހުންނާއި އެކުގައި އުޅޭ މީހުންނާއި ގިނަ މީހުން އެއްތަންވާ ތަންތަނާއި ހާލަތްތަކުގައި މާސްކު އެޅުމަކީވެސް އެދެވިގެންވާ ކަމެއް ކަމަށެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ހުރިހާ ރަށެއްގައި ވެސް މީހުން ބޭރުގައި އުޅެންޖެހޭނީ މާސް އަޅައިގެން ކަމަށް އެޗްޕީއޭއިން އަންގާފައިވަނީ ޑިސެންބަރު 2، 2020 ގައެވެ.