ކޮވިޑް އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންނާއި ދިވެހިން ޕީސީއާރް ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިރޭ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، މިހާރު ރާއްޖެ އަންނަ ފަތުރުވެރިންނާއި ދިވެހިން ޕީސީއާރް ޓެސްޓު ހަދަން ނުޖެހޭނެ ކަަމަށެވެ. ނަމަވެސް ދިވެހިންނާއި ޓޫރިސްޓުން ފިޔަވައި އެހެނިހެން ވިސާތަކުގައި ރާއްޖެއަށް އަންނަ ފަރާތްތައް ރާއްޖެ އަންނަތާ 3 ދުވަހާއި 5 ދުވަހުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުން އަންނަ މީހެއްގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އެންޓިޖެން ޓެސްޓު ހަދަން ވާނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތައް (ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ހިމެނޭ ގޮތަށް) ދަތުރުކުރާ އިރު މިހާރު ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު ބަލި ފެތުރޭ ރޭޓް 20 ޕަސެންޓަށް ނާރާ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ނުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފާއިވާ އިރު މިއަދުން ފެށިގެން ވަނީ ކޮވިޑާ ގުޅިގެން އެޅި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އުވާލާފަައެވެ. މި ހާލަތު އުވާލާފައި މި ވަނީ ދެ އަހަރު ދުވަހު މެދު ނުކެނޑި ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި އޮތުމަށް ފަހުއެވެ. އެގޮތުން ކޮވިޑް ފެތުރެން ފެށުމުން ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާން ކޮށްފައި ވަނީ މާޗް 12، 2020 ގައެވެ.