ރަޝިއާ އާއި ޔޫކްރައިންއާ ދެމެދު ކުރާ ހަނގުރާމައިގެ ސަބަބުން ރާއްޖެއައި ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިރޭ ގައުމާ މުހާތަބު ކުރައްވަމުން ރައީށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޔޫކްރައިން ހަނގުރާމައި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މިހާރު ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުން ކަމަށެވެ. އެ ގޮތުން ހަނގުރާމަ ހިނގާ ސަރަހައްދުތަކާ ކައިރީގައި ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދިއުން ހިމެނެއެވެ. އަދި ޔޫކްރެއިންގައި ކިޔަވަން ތިބި ދިވެހިން ރާއްޖެއަށް އެނބުރި އަސްފައިވާ އިރު، އަލުން އެ ގައުމަށް އެނބުރި ދެވޭނެ ދުވަހެއް ނޭގޭތީ، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދައި ދިނުން ވެސް ހިމެނެއެވެ. ރައީސް ވިދާޅުވީ އެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔުމުގެ ކަންކަން ކުރެވޭނެ ގޮތްތައް ފޮރިން މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން އަންނަނީ ކުރަމުން ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، ޔޫކްރައިންއާއި ރަޝިއާއާ ދެމެދުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް އިގްތިސޯދީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނަ ކަމަށާއި ރާއްޖެއަށް ވެސް އަންނަނީ ވަރަށް ބޮޑު ގެއްލުންތަކެއް ވަމުން ކަމަށެވެ. ރައީސް ވިދާޅުވީ، ޔޫކްރައިން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައި ވަނީ ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށެވެ. އެގޮތުން ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަނގުރާމަ ފެށުން ރާއްޖެއިން ކުށްވެރިކޮށްފައިވާ ކަމަށާއި މި ވަގުތު ހަނގުރާމަ ހުއްޓާލަން އދގެ އާންމު މަޖިލީހުގައި ރާއްޖެއިން ގޮވާލަފާއިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ވަގުތަކީ ޔޫކްރައިންގެ ރައްޔިތުންނަށް ވަރަށް ހިތްދަތި ވަގުތެއް ކަމަށާއި، އެހެންކަމުން ދެފަރާތުގެ ދެމެދުގައި ހުރި ދެބަސްވުންތަކަށް ހައްލެއް ހޯދުމަށް ދެފަރާތުން ވެސް މަޝްވަރާގެ މޭޒު ދޮށަށް އެނބުރި އައުމަށް ބައިންލައަގްވާމީ މުޖުތަމަައު އިން ގޮވާލާ ގޮވާލުން ރާއްޖެއިން ވެސް ގޮވާލާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ހަނގުރާމަ ކޮންމެ ދުވަހަކު ކޮންމެ ގޮތަކަށް ނިމުނު ކަމުގައި ވިޔަސް ޔޫކްރައިން މިހާރު އޮތް ހާލަތުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހަނގުރާމައިން ދުނިޔޭގެ އިގްތިސޯދަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް ވެސް އެހާ ދުވަސް ނަގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަޝިއާ އާއި ޔޫކްރައިން އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދެ ގައުމު ކަމަށާއި، އެހެންކަމުން ރާއްޖޭގެ އިގްތިސޯދަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.