ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވިކަން އިއުލާން ކުރެއްވުމަށްފަހު ރައީސް ވިދާޅުވީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މުޅިން ކަހަލަ ގޮތަކަށް ހުއްޓުނު ކަމަށާއި މުޅި ދުނިޔެއަށް ބެލި ނަމަވެސް އެންމެ ބޮޑަށް ދަށަށްދާނެ ކަމަށް އެއިރު ލަފާ ކުރެވިފާ އޮތީ ރާއްޖޭގެ އިގްތިސާދު ކަމަށެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން އިގްތިސާދު ހުއްޓުމަކަށް އައި ދަނޑިވަޅުގައި ސަރުކާރުން މަސައްކަތް ކުރީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭން ކަމަށާއި އެގޮތުން ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލްތަކުން ޑިސްކައުންޓްތަކެއް ދެނުމުގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމާއި ރިސޯޓު ކުލި ދެއްކުމުގެ މުއްދަތު ފަސްކޮށްދެވުނު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިގުތިސާދު އަލުން ކޮޅަށް ޖެހުމުގައި ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތައް ހިތްވަރާއި އަޒުމާއެކު ވަރުބަލިވުމެއް ނެތި ކުރި މަސައްކަތް ކަމަށާއި އެ ބުރަ މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ކޮވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި ސިއްހީ ދާއިރާގެ އެންމެހައި ހިދުމަތްތެރިން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ ކަމަށެވެ. އަދި ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާއި އެހެން މުއައްސަސާތަކާއި ހިލޭސާބަހަށް މަސައްކަތްކުރައްވާ ދަރުމަވެރިން ކުރެއްވި މިންނެތް މަސައްކަތް ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.