ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ސްޕަނެޓު ނަގާ ކަސްޓަމަރުންނަށް އުރީދޫއިން ހާއްސަ އޮފާއެއްދޭން ނިންމައިފިއެވެ.

އުރީދޫއިން ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެކުންފުނީގެ ސްޕަނެޓުގެ ހިދުމަތްތަކަށް އެދޭ ފަރާތްތަކަށް އިންޓަނެޓު ކަނެކްޝަން އާއި އިންސްޓޯލްމެންޓް ފީ އާއި ރައުޓަރު ހިލޭ ކޮށްދީފައިވާނެ ކަމަށާއި ލޭންޑްލައިން ފޯނެއްވެސް އެ ފަރާތްތަކަށް ހިލޭ ލިބޭނެ ކަމަށެވެ.

އެޗްޑީސީ އާ ގުޅިގެން އުރީދޫން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިންޓަނެޓުގެ ހިދުމަތްތައް ތައާރަފްކޮށްފާ ވަނީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެގޮތުން، އުރީދޫގެ ހައި ސްޕީޑް ފައިބާ ހޯމް ބްރޯޑްބޭންޑާއި ސުޕަނެޓްގެ ހިދުމަތް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ތައާރަފްކޮށްފައެވެ.

މިދިޔަ ޖުލައި މަހު އިންޓަނެޓުގެ އަގުތަކަށް ގެެނެވުނު ބަދަލުތަކާ އެކު، އުރީދޫން ވަނީ ސުޕަނެޓް ހިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހުރިހާ ޕެކޭޖެއްގެ ޑޭޓާ އެލޮވެންސްތައް އިތުރުކޮށްފައިވާއިރު، ބާކީވާ ޑޭޓާ ޖެހިގެން އަންނަ މަހަށް ރޯލްއޯވާ ވާ ގޮތްވެސް އުރީދޫން ވަނީ ހަމަޖައްސާފައެވެ.