ހަނގުރާމަ ގަދަވެފައި ވާ ޔޫކްރައިން ދޫކޮށް، ރެފިއުޖީންގެ ގޮތުގައި ނިކުންނަ މީހުންނަށް ބޯހިޔާވަހިކަން ދޭ ގޭބިސީތަކަށް "ޝުކުރުގެ އިނާޔަތެއް"ގެ ގޮތުގައި ކޮންމެ މަހަކުވެސް 350 ޕައުންޑް ދޭނެ ކަން، އިނގިރޭސިވިލާތުގެ ސަރުކާރުން އިއުލާން ކޮށްފިއެވެ.

"ހޯމްސް ފޮ ޔޫކްރައިން" ސްކީމްގެ ދަށުން، ޔޫކްރައިންގެ ފަރުދެއް ނުވަތަ އާއިލާއަކަށް ބޯހިޔާވަހިކަން ހަމަޖައްސާ ދިނުމުގެ ފުރުސަތު، އިނގިރޭސި ސަރުކާރުން ވަނީ ހުޅުވާލާފައެވެ. އެގޮތުން އަމިއްލަ ގޭބިސީގައި ނުވަތަ އެނޫންވެސް ތަނެއްގައި ކުލި ދެއްކުމަކާ ނުލާ، ޔޫކްރައިންގެ ރެފިއުޖީން ބޭތިއްބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދޭ ފަރާތްތަކަކީ ވަކި ނިޒާމެއްގެ ތެރެއިން އެކަމަށް ހުއްދަ ދެވޭނެ ބައެކެވެ. ހުއްދަ ލިބޭ ފަރާތްތަކުން، އެންމެ މަދުވެގެން 6 މަސް ދުވަހުގެ މުއްދަތަކަށް، ޔޫކްރައިންގެ ރެފިއުޖީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ލާޒިމުވެއެވެ.

މާލީ ބަދަލެއް ދިން ކަމުގައި ވީ ނަމަވެސް، އެއީ އެންމެ އެކަށީގެންވާ މިންވަރު ނޫން ކަމަށް. ރެފިއުޖީންގެ އިތުރުން ސިޔާސީ ހިމާޔަތް ހޯދާ ފަރާތްތަކުގެ ހައްގުގައި ވަކާލާތު ކުރާ ރެފިއުޖީ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.