ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިހެން ބުނެފައިވަނީ އދ. މަހިބަދޫގައި އިއްޔެ "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އުތުރު ތިލަފަޅުގައި ތަރައްގީ ކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑާ އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެމުންނެވެ.

⁨ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ ސިފައިން ހަތިޔާރާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކަމަށާއި، އިންޑިއާއާ އެކު އޮތް އެއްބަސް ވުމުގައި ހަތިޔާރާ ގުޅޭގޮތުން އޮތީ ތަފްސީލު ނުކޮށް "އާމްސް" ކަމަށެވެ. އެހެން ކަމުން ކޮންމެ ބާވަތެއްގެ ހަތިޔާރެއްވެސް ގެނެސް ބޭނުންކޮށް، އެއްތަނުން އަނެއްތަނަށް އުފުލާ ހެދުން މަނާ ނުވާ ކަމަށާއި އަދި އިންޑިއާގެ އަސްކަރީ އުޅަނދެއް ރާއްޖެ އައުމަށް ހުއްދަ ނަގަން ވެސް ނުޖެހޭ ކަމަށް ރައީސް ޔާމީން ވަނީ އިއްޔެ ވިދާޅުވެފައެވެ.

މިވާހަކަތަކަށް ރައްދު ދެމުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އުތުރު ތިލަފަޅުގައި ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ބޭނުންތަކަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބޭނުންވާ ގޮތަށް ފަރުމާކޮށް، ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ތަރައްގީކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި، ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަނދަރެއް ކަމަށެވެ.

އެހެންކަމުން، އެތަނަކީ ބޭރު ގައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއް ކަމުގައި ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފް ދޮގު ވާހަކަތަކެއް ކަމަށެވެ.

މިނިސްޓްރީން ބުނީ އެހެން ގައުމުތަކުގެ އަސްކަރީ އުޅަނދުތައް ދިވެހިރާއްޖޭގެ ސަރަޙައްދަށް ވަނުމުގެ ކުރިން ހޯދަން ޖެހޭ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތުގެ އަބަދުމެ ދެމި އޮންނާނެ ސިޔާދަތީ ހައްގެއް ނުވަތަ ސޮވެރިން ރައިޓެއް ކަމަށެވެ.

އެހެންކަމުން، ބޭރު ގައުމެއްގެ އަސްކަރީ އުޅަނދުތައް ދިވެހިރާއްޖެއަށް އައުމުގައި ދިވެހި ދައުލަތުގެ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާއި އަދި މި ބަނދަރަށް ވަންނަން ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތް އޮޅޭގޮތަށް ދައްކާފައިވާ ދޮގު ވާހަތަކެއްކަން ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި، ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ނެތްކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައިވެސް ހަތިޔާރާއެކު ބޭރުގެ އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި، ދިވެހިރާއްޖޭގެ އަމާންކަމާއި ސުލްހަމަސަލަސްކަން ގެއްލުވާލާ، ދިވެހިއަސްކަރިއްޔާގެ ނަޒާހަތްތެރިކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ހަގީގަތާ ހިލާފް ދޮގު މައުލޫމާތު ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ދިފާއުކޮށް ނެގެހެއްޓުމުގައި ދިވެހި އަސްކަރިއްޔާ ސާބިތުކަންމަތީ ދެމި އޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.